Last Updated: July 10, 03:51
Friday, July 10, 2026
ޚަބަރު

މަސްއޫދު ދެއްކި ވާހަކަތަކާ ގުޅިގެން ހަލީލްއާ ސުވާލުކުރަނީ

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު ދާދިފަހުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއާ ސުވާލުކުރުމަށް ހުށަހަޅައިފި އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާއިން ރާއްޖެއާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިންނާ މެދު ލަންކާއިން ގެންގުޅޭ ހާރިޖީ ސިޔާސަތުތަކަށް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި 'ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް'ގައި ވަނީ ލަންކާގެ "ޑެއިލީ ނިއުސް" އަށް ސަފީރު މަސްއޫދު ދެއްވި އިންޓަވިއުއެއްގައި، ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެގައުމުގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފި ނަމަ، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމަށް އިންޒާރު ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޑިޕްލޮމެސީ އާއި ބައިލެޓެރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވަށްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ މީކާއިލްގެ ސުވާލުގައިވެ އެވެ.

ލަންކާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން މަސްއޫދަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އޭނާ ވަނީ މިދިޔަ ހަފްތާގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ލަންކާ ސަރުކާރާއި ދެކޮޅު ޕާޓީއަށް ނިސްބަތްވާ ނަމާލް ރާޖަޕަކްސައާ ބައްދަލުކުރައްވާފަ އެވެ.

މި ސަރުކާރުގެ ކުރީކޮޅު ސަރުކާރުގެ މަގާމުތަކުގައި ތިބި ތިން ބަޔަކު އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލާގައި އެ ތިން މީހުންނަށާއި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއެކު އެ ތިން މީހުން އެމަގާމުތަކުން ސަސްޕެންޑްވެސް ކުރި އެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ތިބީ ސަރުކާރުގެ ދެ ކުންފުނީގެ އިސް މަގާމުތަކުގަ އެވެ.