މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް އެ ކްލަބަށް ކުރިން ކުޅުނު މައިކަލް ކެރިކް ހަމަޖެއްސުމަށް ތައްޔާރުވެއްޖެ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ރުބެން އަމޮރިމް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެންމެފަހުން ޔުނައިޓެޑުން ކުޅުނު ދެ މެޗުގައި އެޓީމަށް އިރުޝާދު ދިނީ ޔުނައިޓެޑްގެ ޒުވާން ޓީމުގެ ކޯޗު ޑަރެން ފްލެޗާ އެވެ.
މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗެއް ގެނައުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުންދާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މަގާމާއި ހަވާލުވުން މިހާރު އެންމެ ގާތީ ކެރިކް އެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި އެ މަގާމަށް ކެރިކް ހަމަޖައްސައި އެކަން އިއުލާންކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކެރިކް ،44، މީގެކުރިން ވަނީ ޔުނައިޓެޑްގެ ވަގުތީ ކޯޗުކަން ތިން މެޗަށް ކޮށްފަ އެވެ. އޭރު ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ކެރިކް ހަމަޖެއްސީ އެ ކްލަބުގެ ކޯޗުކަމުން އޮލެ ގުނަ ސޮލްޝެއާ ވަކިކުރުމާ ގުޅިގެންނެވެ.
އެންމެފަހުން ކެރިކް ކޯޗުކަން ކޮށްދިނީ ޗެމްޕިއަންޝިޕްގެ ކްލަބެއް ކަމަށްވާ މިޑިލްސްބަރާ އަށެވެ.
ޔުނައިޓެޑް ދާދިފަހުން އެފްއޭ ކަޕުން ވެސް ކަޓައިފައިވާއިރު އެ ކްލަބު މި ސީޒަނުގައި މިހާރު ކުޅެން ޖެހެނީ ޕްރިމިއާ ލީގުގެ މެޗުތައް އެކަންޏެވެ. ޔުނައިޓެޑް މިވަގުތު އޮތީ 21 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގަ އެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.