Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ސްކޫލް ހުޅުވުމުގެ ކުރިން ހުރިހާ ފޮތްތައް ފޮނުވައި ނިމޭނެ

ސްކޫލްތަކަށް ފޮނުވާ ޓެކްސްޓް ފޮތްތައް - ފޮޓޯ: ޕީއެސްއެމް

އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކަށް ހުރިހާ ފޮތްތަކެއް ފޮނުވާ ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުން މިނިސްޓަރު ޝަފީޢު ވިދާޅުވީ ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލްތަކަށް ފޮތްތައް ފޮނުވައި ނިމޭނެ ކަމަށާއި ޓެކްސްޓް ފޮތްތައް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، ކަނޑައެޅިފައިވާ ތާރީހަށް އެކަންކޮށް ނިންމާލެވޭނެ ކަމަށެވެ.

ސްކޫލުތަކަށް ފޮނުވާ ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިން ކުރީ، އަރަބިއްޔާ ސުކޫލުގައި ކަމަށާއި ނަމަވެސް، މިހާރު އަމީނިއްޔާ ސުކޫލަށް ފޮތްތައް ބަދަލުކޮށްފައިވާއިރު، ޖާގައިގެ ގޮތުން ގޮންޖެހުންތައް އެބަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާތީވެ، ބޯޓުފަހަރަށް ފޮތްތައް ގެންދިއުމުގައިވެސް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަމަވެސް ދަރިވަރިންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ސްކޫލްތައް ފެށުމުގެ ކުރިން ފޮނުވާ ނިމޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝަފީއު ދެއްވި އެވެ.

ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.