Last Updated: July 10, 03:51
Friday, July 10, 2026
ޚަބަރު

މިނިސްޓަރު ހަލީލް ޔޫއޭއީ އަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީގެ އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2026" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުން ކުރިއަށްދާނީ މިއަދާއި މާދަމާގެ ނިޔަލަށް ކަމަށެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކަކީ ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް ބާއްވާ ބައިނަލްއަގުވާމީ މުހިންމު ޕްލެޓްފޯމެއްކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި، ވަޒީރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާއީ ދާއިރާތަކުގެ އިސްވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ދެމެހެއްޓެނިވި ކުރިއެރުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުންކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މި ހަރަކާތުގައި ރާއްޖެއިން ބައިވެރިވުމަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށާއި އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ކެތްތެރިވުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ކުރެވޭ ދުނިޔޭގެ ފެންވަރުގެ މަޝްވަރާތަކުގައި ރާއްޖޭގެ ދައުރު މި ބައިވެރިވުމުގެ ސަބަބުން ފުޅާވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.