މާލޭގައި ދާދި ފަހުން ހުޅުވި ޔޫތު ހަބްގައި ދިވެހި ފިލްމުތަކެއް އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެގޮތުން މި މަހުގެ 15-17 އަށް ތިން ފިލްމެއް ދައްކަން ހަމަޖެހިފައިވެ އެވެ. އެ ތިން ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ފުރޭތަ" އާއި "އަލިފާން" އަދި "އަލްވަދާއު" އެވެ. މި ތިން ފިލްމުގެ ތެރެއިން "ފުރޭތަ" އަކީ 2024 ގައި އޮލިމްޕަހުގައި އެޅުވި ފިލްމެކެވެ. އަނެއް ދެ ފިލްމަކީ މިދިޔަ އަހަރު އެޅުވި ދެ ފިލްމުތަކެކެވެ.
މި ފިލްމުތަކުގެ ތެރެއިން މި މަހުގެ 15 ދުވަހުގެ ރޭ ޔޫތު ހަބްގައި "އަލިފާން" އަޅުވަން ނިންމާފައިވާ އިރު، 16 ވަނަ ދުވަހުގެ ރޭ "އަލްވަދާއު" އަދި 17 ވަނަ ދުވަހުގެ ރޭ "ފުރޭތަ" އަޅުވާނެ އެވެ.
ކުރިން މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތު ހަބްގެ ގޮތުގައި ހުޅުވީ މިދިޔަ އަހަރުގެ ނުވެމްބަރު 20 ގަ އެވެ. އަދި އެތަން ހިންގަނީ ޔޫތު މިނިސްޓްރީގެ ދަށުންނެވެ.
މިނިސްޓްރީން ބުނީ ޔޫތު ހަބްގައި އަޅުވާ ފިލްމުތައް ހިލޭ ބަލާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޔޫތު ހަބް ހަދާފައި ވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށް ދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާ ގޮތަށެވެ.
ހަމަ އެހެންމެ ، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިން އާއި ކޮމިއުނިޓީ އާޓް ވޯލް އާއި އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް އަދި އެކި ކަހަލަ މަސައްކަތު ބައްދަލުވުންތަކާއި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް ޔޫތް ހަބްގައި ފަހިކޮށްފައިވެ އެވެ.