Last Updated: June 6, 13:37
Saturday, June 6, 2026
ޚަބަރު

ޔުޓިލިޓީ ސްކިލްސް އެކަޑަމީގެ ފުރަތަމަ ތަމްރީނު ނިންމާލައިފި

ސްޓެލްކޯ އިން ކ. ތުލުސްދޫގައި ގާއިމުކޮށްފައިވާ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން" ގެ ނަމުގައި މި މަހުގެ 4 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ ފުރަތަމަ ބެޗުގައި އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރު ކުރާނެ ގޮތްތަކާއި ސާވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މައުލޫމާތު ފޯރުކޮށް ދީފައިވެ އެވެ. މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ އަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފަ އެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

އެތަނަކީ އަކީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކޮށް މި ދާއިރާއިން މީހުން ބިނާކޮށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށް ސްޓެލްކޯ އިން ގާއިމްކޮށްފައިވާ ތަނެކެވެ.