Last Updated: June 6, 12:59
Saturday, June 6, 2026
މުނިފޫހިފިލުވުން

'ދުރަންދަރު' އަށް ފަހު ސޯމިއާ އަށް އިތުރު ބޮޑު ފިލްމެއް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު 'ޔޭ ޕްރޭމް މޯލް ލިޔާ' ގެ ކާސްޓާ އިތުރު ތަރިއަކު ގުޅިއްޖެ އެވެ.

މީޑިއާތަކުން ބުނީ އަޔޫޝްމަން ކްރާނާ އާއި ޝަރްވާރީ ވާގް މައިގަނޑު ރޯލުތައް ކުޅޭ މި އާއިލީ ލޯބީގެ ފިލްމުގެ ކާސްޓާ އަލަށް ގުޅުނީ ސޯމިއާ ޓަންޑަން ކަމަށެވެ. އޭނަ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު 'ދުރަންދަރު' ގައި އަކްޝޭ ކަންނާގެ އަންހެނުންގެ ރޯލު ކުޅުނު ބަތަލާ އެވެ.

'ޔޭ ޕްރޭމް މޯލް ލިޔާ' ގެ ކާސްޓާ ސޯމިއާ ގުޅުނު ނަމަވެސް މީގައި އޭނަ ކުޅޭނީ ކޮން ކަހަލަ ކެރެކްޓާއެއް ކަމެއް އަދި ނޭނގެ އެވެ. ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރްގެ ކާމިޔާބު ފިލްމު 2007 ގެ 'ޖަބް ވޫ މެޓް' ގެ ރޯލެއް ވެސް ކުޅެފައިވާ 41 އަހަރުގެ ބަތަލާ އަކީ ޓީވީ ސިލްސިލާތަކުން ވެސް ފެންނަ ބަތަލާއެކެވެ.

ސޯމިއާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި 'ބާބީޖީ ގަރް ޕަރް ހޭ' އާއި 'އޭސަ ދޭސް ހެ މޭރާ' ހިމެނެ އެވެ.

'ޔޭ ޕްރޭމް މޯލް ލިޔާ' ގެ ކާސްޓަށް ސޯމިއާ އިތުރު އިރު، މި ފިލްމު ފެންނާނެ ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރާއި ޝާދު ރާންދްވާ ވެސް ހިމެނެ އެވެ.

ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން ހަދާ ފިލްމު ބެލުންތެރިންނަށް މި އަހަރު ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ސޫރަޖަކީ 'މޭނޭ ޕިޔާރު ކިޔާ' އާއި 'ހަމް އާޕް ކޭ ހޭ ކޯން' އަދި 'ހަމް ސާތު ސާތު ހޭ' ފަދަ ކާމިޔާބު ފިލްމުުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ 'އޫޗާއީ' އެވެ.