Last Updated: June 6, 13:41
Saturday, June 6, 2026
ޚަބަރު

ކުޑަކުދިން އިމާމުވެ ނަމާދު ކުރާތީ ޝަކުވާ ލިބޭ

ފުވައްމުލަކުގެ މިސްކިތްތަކުން ކުޑަކުދިން ބަންގި ގޮވާ އަޑު އިވުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށާއި އެކަމަކު އެކަމާ ބައެއް ފަރާތްތަކުން ޝަކުވާ ކުރާ ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަކީ ކުޑަކުދިން ނަމާދަށް ލޯބި ޖައްސައި ނަމާދަށް އަހުލުވެރި ކުރުވަން ޕްރޮގްރާމްތަކެއް ވެސް ސިލްސިލާކޮށް ހިންގަމުން އަންނަ ކައުންސިލެކެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ ފުވައްމުލަކުގެ ކުޑަކުދިންގެ އަޑުން ބަންގި އާއި ނަމާދުގެ އަޑު އިވޭތީ އުފާ ކުރައްވާ ކަމަށާއި ކުޑަކުދިން ނަމާދަށް އަހުލުވެރި ކުރުމަށް ކައުންސިލުން ފެށި ނަމާދު ޕްރޮގްރާމްގެ ތެރެއިން ބަންގި ގޮވައި، އިމާމުވެ ނަމާދުކޮށް އަދި ޚުތުބާކިޔަން ޝައުގުވެރިކަން ހުންނަ ކުދިން ފެނިގެންދާ ކަމަށެވެ.

"ކުޑަކުދިން ބަންގި ގޮވައި އިމާމުވެ ނަމާދުކުރާތީ ބައެއް ފަރާތްތަކުން ޝަކުވާ ކުރިއަސް، އެ ކުދިންނަށް އެ ފުރުސަތު ދިނުން ނުހުއްޓޭ،" މޭޔަރު ވިދާޅުވި އެވެ. "ނަމާދު ޕްރޮގްރާމްގެ ތެރެއިން އިރާދަކުރެއްވިއްޔާ މުސްތަގްބަލުގެ އިމާމުން އުފެދިގެން ދާނެ."

މޭޔަރު ވަނީ ނަމާދު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި އެހީވެދޭ އިމާމުންނާއި، ޝެއިޚުންނާއި މިސްކިތު މުއައްޒަފުންނާއި ކައުންސިލަރުންނާއި ކައުންސިލް މުއައްޒަފުން އަދި ޕްރޮގްރާމަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.