ބޮލީވުޑްގެ ތަރި، އާމިރު ޚާން ކުޅެން ހަމަޖެހިފައިވާ ދެވަނަ ބައޮގްރަފިކަލް ޑްރާމާގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ބުނެފި އެވެ.
ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާގެ ސިނަމާގެ ބައްޕަ ދާދާސާހެބް ޕާލްކޭގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައި މި ވަނީ ފިލްމުގެ ސްކްރިޕްޓާ މެދު އާމިރު ހިތްހަމުޖެހިގެން އެއަށް އިތުރު ބަދަލުތަކެއް ގެންނަން މިދިޔަ އަހަރުގެ މެދުތެރޭގައި ޑިމާންޑްކޮށްފައިވާ ކަމަށް އަޑު އަރާފައި ވަނިކޮށެވެ.
މީޑިއާތަކުން ބުނީ މި ބައޯޕިކްގެ ސްކްރިޕްޓް މިހާރު އޮތީ އާމިރު އެންމެ ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ. އެކަމަކު ސްކްރިޕްޓްގެ އެންމެ ފަހު ޑްރާފްޓް ފައިނަލް ކުރާނީ އަންނަ މަހުގެ ތެރޭގައި ކަމަށް މިޑް-ޑޭ އިން ބުންޏެވެ.
މީގެ ޑައިރެކްޓަރު ހިރާނީ އަކީ އާމިރުގެެ ކެރިއަރުގެ އެންމެ ބޮޑެތި ބައެއް ހިޓްތަކުގެ ޑައިރެކްޓަރެވެ. އެއީ 2014 ގެ 'ޕީކޭ' އާއި 2009 ގެ '3 އިޑިއަޓްސް' އެވެ. ދާދާސާހެބްގެ ބައޯޕިކަކީ އާމިރާއި ހިރާނީ އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ.
ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ ޝާހްރުކް ޚާނާ އެކު 2023 ގައި ގެނެސްދިން 'ޑަންކީ' އެވެ.
މިދިޔަ އަހަރު 'ސިތާރޭ ޒަމީން ޕަރް' އިން ފެނިގެން ދިޔަ އާމިރުގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ޕްރޮޑިއުސްކޮށް ހާއްސަ ރޯލެއް ކުޅެ އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބްލެކް ކޮމެޑީ 'ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް' އެވެ. މިއީ ވީރް ދާސް ކުޅެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އާމިރު ކުޅުނު ފުރަތަމަ ބައޮޕިކަކީ ކުރީގެ ރެސްލިން ތަރި މަހާވީރް ސިންވް ޕޯގަޓްގެ ރޯލު ކުޅުނު 2016 ގެ 'ޑަންގަލް' އެވެ.