Last Updated: June 6, 13:41
Saturday, June 6, 2026
ރިޕޯޓް

އަދާލަތުގެ އީ-ވޯޓިން ހުއްޓުވަން އީސީގައި އެދިއްޖެ

އަދާލަތު ޕާޓީގެ ރައީސް ހޮވަން މި މަހު ބާއްވާ އެތެރޭގެ އިންތިހާބުގައި، މިހާރުގެ ލީޑަޝިޕުން ނަތީޖާއަށް ނުފޫޒު ފޯރުވާފާނެކަމުގެ ބިރު އޮތް ކަމަށް ބުނެ، އީ-ވޯޓިން ކުރިއަށް ގެންދިއުން ހުއްޓުވައި ދޭން އެދި އެ މަގާމަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އިކްރާމާއި ނައިބު ރައީސެއްގެ މަގާމުގައި މިހާރު ވެސް ހުންނެވި ޝައިހު މުހައްމަދު ޝިފާނެވެ.

އަދާލަތު ޕާޓީން ބުނެފައި ވަނީ ރައީސަކު ހޮވަން ބާއްވާ އިންތިހާބުގައި މި މަހުގެ 31 ގައި އޮންނާނޫ ލައިންކޮށް ސިއްރު ވޯޓެއް ނަގާ ގޮތަށް ކަމަށެވެ.

މިކަމާ ގުޅިގެން އިކްރާމް އީސީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އިންތިހާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އޮންލައިންކޮށް ވޯޓުލުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ޝް އިހު އިމްރާން އަބްދުالله ރައީސް ކަމަށް އިންތިހާބު ކުރިއިރު ވެސް އޮންލައިންކޮށް ވޯޓުލުމުން މެމްބަރުންގެ މެދުގައި ސުވާލު އުފެދުނުކަން ފާހަގަކުރައްވާފައުވެ އެވެ.

އިކްރާމް ވިދާޅުވެފައި ވަނީ އޮންލައިންކޮށް ވޯޓުލާ ނަމަ ޕާޓީގެ އޮފީހުގައި ތިބެގެން ސިސްޓަމަށް ބަދަލު ގެނެސް، ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ނައިބަށް ވޯޓު އޮޅުވާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެއީ އޭނައާ ވާދަކުރައްވާ ކެންޑިޑޭޓާއި ރަނިންމޭޓަކީ މިހާރު ވެސް ޕާޓީގެ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށްވާތީ، އިންތިހާބުގެ ކަންކަން ހިނގާނީ އެ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށް ފާހަގަކޮށްފައި އެވެ.

"މިގޮތަށް މިކަންކަން ހުރުމުން ވޯޓުގެ ކަންކަމުގެ ތެރެއަށް އެ ބޭފުޅުންގެ އަތް ބާނައި، ވޯޓު އޮޅުވާލައި އިންތިހާބުގެ ނަތީޖާ ބަދަލުކުރާނެ ކަމާ މެދު އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރާނެ." ސިޓީގައިވެ އެވެ.

ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ދަނޑިވަޅެއްގައި، އެހެން ޕާޓީތަކެކޭ ވެސް އެއްފަދައިން ހުޅުވާލެވިފައިވާ އިންތިހާބެއް ބޭއްވުމަށް ބާރު އަޅައިދިނުމަށް އިކްރާމް އީސީގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ. އަދި ޕާޓީގެ އިންތިހާބީ ކޮމިޓީއަށް ވެސް އޭނާ ވަނީ އޮންލައިން ވޯޓު ކެންސަލްކޮށް، ކަރުދާހުގައި ވޯޓުލާ ނިޒާމަށް އިންތިހާބު ބަދަލުކުރުމަށް ގޮވާލައްވައިފަ އެވެ.

އިކްރާމް ވިދާޅުވީ ކަރުދާހުގައި ވޯޓުލުމަކީ ރައްޔިތުން އިތުބާރުކުރާ އަދި އީސީން ވެސް ބާރުއަޅާ އެންމެ ދެފުށް ފެންނަ ގޮތް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ އާއި އިތުބާރު ދެމެހެއްޓުމަށްޓަކައި މި ބަދަލު ގެނައުން މުހިންމު ކަމަށް ވިދާޅުވި އެވެ.

އިކްރާމްގެ ސިޓީއާ ގުޅިގެން އީސީ އާއި އަދާލަތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.