Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވެއްޖެ

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވެއްޖެ އެވެ.

ނަޢީމް އަވަހާރަވީ ޢުމުރުން 74 އަހަރުގަ އެވެ.

އޭނަ އަވަހާރަވުމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިން ން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ނަޢީމްގެ ވަކިވެ ދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާއި ނަޢީމްގެ ހަނދާން އަބަދުވެސް އެ ސިނާޢަތުން ކުރާނީ ޝުކުރުވެރިކަމާ އެކީގައި ކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕްޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީންކޮށް، ޚިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރޭގައި ނަޢީމް ހިމެނި ވަޑައިގަންނަވަ އެވެ. އެގޮތުން އޭނަ އަކީ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރެވެ.

ނައީމް އެއާޕޯޓުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1967 ގަ އެވެ.

އޭނަ އަކީ ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުންނާއި އޮސްޓްރޭލިއާގެ އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު އިން ޓްރެއިނިން ހެއްދެވި ބޭފުޅެކެވެ. ސްރީ ލަންކާއިން އޭޓީސީގެ ޓްރެއިނިން ފުރިހަމަ ކުރެއްވުމަށް ފަހު ހުޅުލޭ އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ 1972 ގަ އެވެ.