Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިން

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިން ކަމަށް ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 12 ދުވަހު ރަޝިއާ އިން ރާއްޖެ އަށް ޖުމްލަ 15،430 ޓޫރިސްޓުން އައިސްފައިވެ އެވެ. ރަޝިއާ އަކީ އަބަދު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ރާއްޖެ އަށް މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ވެސް ރަޝިއާއިންނެވެ. އެގޮތުން 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 85،591 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ، 77،727 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 10.01 އިންސަތައިގެ ކުރިއެރުމެކެވެ.

މި މަހުގެ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ 11 ވަނަ ދުވަހު އެވެ. އެ ދުވަހު 9،596 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަށް ބަލާ އިރު، ރަޝިއާގެ ފަހަތުން ދެން ހިމެނެނީ
އިޓަލީ (10،833 ޓޫރިސްޓުން)، އިގިރޭސިވިލާތް (6،729 ޓޫރިސްޓުން)، ޖަރުމަން (5،098 ޓޫރިސްޓުން) އަދި ޗައިނާ (4،070 ޓޫރިސްޓުން) އެވެ.

މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،000 އެއްހާ ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.