Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

އުފަންވި ކުދިންގެ 4.2 ޕަސެންޓްގައި އައިބު: ދިރާސާ

އައިޖީއެމްއެޗްގައި ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އުފަންވި ކުދިންގެ ތެރެއިން 4.24 ޕަސެންޓް ކުދިންނަކީ އުފަންވީ އިރު އެކި ކަހަލަ އައިބުތައް ހުރި ކުދިން ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

"ބާތު ޑިފެކްޓް ސަވައިލެންސް އިން ދަ މެއިން ގަވަރްންމަންޓް ރިފަރަލް ހޮސްޕިޓަލް އޮފް މޯލްޑިވްސް ފްރޮމް 2016 ޓު 2024" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާއަކީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ކަމަށްވާ ޑރ. އަޙްމަދު ފައިސަލާއި ޑރ. ހަމްސާ ޢާރިފް ރަޝީދާއި ޑރ. މިހުނާތު މުޞްޠަފާ އަދި ޑރ. ނިޔާޝާ އިބްރާހީމް ގުޅިގެން ކުރިއަށް ގެންދެވި ދިރާސާއެކެވެ.

މި ދިރާސާގައި 2016-2024 އަށް އައިޖީއެމްއެޗްގައި ދިރިހުއްޓާ އުފަންވި 17,188 ކުދިންގެ މަޢުލޫމާތު ވަނީ ބަލާފައިވެ އެވެ. އޭގެ ތެރެއިން 729 ކުދިންގެ ކިބައިގައި އުފަންވީއިރު އައިބު ހުރިކަން ފާހަގަކުރެވިފައިވާ އިރު، ޖުމްލަ 1,215 އައިބެއް އެ ކުދިންގެ ކިބައިން ފެނިފައިވެ އެވެ.

ދިރާސާގެ މުހިންމު ބައެއް ހޯދުންތައް:

* އައިބު ހުރި ކުދިންގެ ނިސްބަތް: ކޮންމެ 1,000 ކުދިންނަށް 42.4 ކުދިން
* އެންމެ ގިނަ އައިބު: އެންމެ ގިނައިން ފެނިފައިވަނީ ހިތާއި ލޭހިނގާ ނިޒާމުގެ އައިބުތަކެވެ (28.7 ޕަސެންޓް)
* މައިންގެ ޞިއްޙަތު: އައިބު ހުރި ކުދިން އުފަންވި މައިންގެ ތެރެއިން 107 މައިންނަކީ (15 ޕަސެންޓް) މާބަނޑު ދުވަސްވަރު ހަކުރު ބަލި ނުވަތަ ޖެސްޓޭޝަނަލް ޑައިބެޓީސް ހުރި މީހުންނެވެ.
ނިޔާވި ކުދިން: ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން 27 ކުއްޖަކު ނިޔާވެފައިވެ އެވެ. އޭގެ ތެރެއިން ގިނަ ކުދިން ނިޔާވީ ފުއްޕާމޭ ރަނގަޅަށް އުފެދިފައި ނެތުމުގެ ސަބަބުންނެވެ.

މީގެ އިތުރުން، އައިބު ހުރި ކުދިންގެ ތެރެއިން 312 ކުދިންނަކީ ދުވަސް ނުފުރާ އުފަންވި ކުދިން ކަމަށާއި، އޭގެ ތެރެއިން ގިނަ ކުދިން އުފަންވެފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށް މި ދިރާސާގައިވެ އެވެ. އަދި އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިންގެ ކިބައިގައި މިފަދަ އައިބުތައް ހުރި މިންވަރު އިތުރުކަން ވެސް ފާހަގަވެފައިވެ އެވެ.

ހަމައެހެންމެ 82 ކުއްޖަކަށް އުފަންވުމާ އެކު ނޭވާލުމަށް އެހީތެރިވެދޭން ޖެހުނު ކަމަށްވެސް ދިރާސާގައި ބުނެފައިވެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ތުއްތު ކުދިން މަރުވާ ނިސްބަތް ދަށްވަމުންދާ އިރު، އުފަންވާ އިރު ހުންނަ އައިބުތަކުގެ ސަބަބުން ކުދިން ބަލިވުމާއި މަރުވުމުގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އެހެންވެ، މިކަން ހައްލުކުރުމަށްޓަކައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރާ މިންވަރު ބެލުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ކަންކަން ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުން މުހިންމުކަން ފާހަގަކޮށްފައިވެ އެވެ.