Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަސް ކަމަށްވާ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، އެދުވަހުގެ ޖަލްސާގައި އޮންނާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވެވުން އެކަންޏެވެ.