ހެޔޮއެދޭ ފަރާތެއްގެ އެހީގައި ރ. އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު މިއަހަރު ވެސް ފަހިކޮށްދީފި އެވެ.
އެގޮތުން ކޮންމެ ރަށަކުން ހޮވޭ މީހަކު ޙައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ، އޭނާގެ ޚަރަދުގައި ހަމަޖެއްސުމަށްޓަކައި މި އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުޞަތު ހުޅުވާލާފަ އެވެ.
މި ފުރުސަތު ހުޅުވާލެވިފައިވަނީ އުމުރުން 40 އަހަރު ފުރި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށެވެ.
ރ އަތޮޅުގެ ކައުންސިލްތަކުން ވަނީ މިކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 18ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކައުންސިލްތަކުން މީހުން ނެގުުމަށް ހަމަޖެހިފައިވަނީ ޝަރުޠު ހަމަވާ ފަރާތްތައް އެކަކަށްވުރެ ގިނަނަމަ ގުރުއަތުލައިގެން ނެގުމަށެވެ.
ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮވެ އެވެ.
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސަރުކާރުން ދީފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.