Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވައިފި

މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅެވޭނެ ގޮތަށް ތަރައްގީ ކުރި ގަލޮޅު ސިޓީ ޕާކު މިއަދު އަލުން ހުޅުވައިފި އެވެ.

ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރަން އެތަން ބަންދުކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު އެ ޕާކުގެ މަސައްކަތް ކުރުމަށްޓަކައި ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ 10 އަހަރުވަންދެން، ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް، ގަލޮޅު ސިޓީ ޕާކު އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި، މިއަދު ހުޅުވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ޕާކު އަލުން ހަދައި ހުޅުވުނީ، ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި ޢުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި، ކުޑަކުދިން ކުޅުމަށް ޚާއްޞަ ސަރަޙައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު، ވަރަށް ގިނަ ގޮތްގޮތަށް، ރައްޔިތުންނަށް ބޭނުންހިފޭނެ ގޮތަކަށް ޑިޒައިންކޮށްގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާލޭގެ މޭޔަރުކަމުގައި ހޭދަކުރި މުއްދަތުގައި، އޭނާގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މިފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން ކަމަށެވެ. މި ޕާކު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދިނުމަށް އާޒިމް ވަނީ އިލްތިމާސްކޮށްފަ އެވެ.