މި މައްސަލައާ މެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފުހުއްޓެވެ.
1. ތެދުވާނީ ޤަމަތްދޭން ފެށުމާ އެކުގައެވެ. (ޢަތާ އަދި ޒުހުރީ)
2. ތެދުވާނީ حي على الصلاة މިފަދައިން ކީމައެވެ. (އަބޫ ޙަނީފާ)
3. ތެދުވާނީ ޤަމަތްދީ ނިމުނީމައެވެ. (ޝާފިޢީ)
4. ތެދުވުމަށް ވަކި ވަޤުތެއް ކަނޑައެޅިފައެއް ނެތެވެ. ޤަމަތް ފެށުމާއެކު ނުވަތަ ޤަމަތުގެ މެދުތެރެއިން ނުވަތަ ޤަމަތްދީ ނިމުމުން ތެދުވިޔަސް މައްސަލައެއް ނެތެވެ. (މާލިކީ މަޛްހަބު)
5. ތެދުވުން ސުންނަތް ވެގެންވަނީ قد قامت الصلاة މި ކަލިމަ ކީމައެވެ. އެއީ އިމާމާ ފެންނަން ހުރި ނަމައެވެ. އިމާމާ ފެންނަން ނެތް ނަމަ ޤަމަތް ދިން ކަމުގައިވިޔަސް ތެދުވާނީ އިމާމު މީހާ ފެނުނީމައެވެ. (އިމާމު އަޙްމަދު)
މިއިން އެއްވެސް ބަސްފުޅަކަށް ސުންނަތުގައި ދަލީލެއް ނެތެވެ. އެއީ އެބޭކަލުން ކުރައްވާފައިވާ އިޖުތިހާދެކެވެ.
މިކަން ތަނަވަސްވެގެންވެ އެވެ. ޤަމަތް ދޭން ފެށުމާއެކު، ނުވަތަ ޤަމަތް ދެމުން ދަނިކޮށް، ނުވަތަ ޤަމަތް ދީ ނިމުމުން ވެސް ތެދުވެވިދާނެ އެވެ. އެކަމަކު ސުންނަތުގައި މިކަމާ ބެހޭ ގޮތުން އޮންނަ އެހެން ކަމެއް އޮވެއެވެ. އެއީ ޤަމަތްދޭ މީހާ ޤަމަތް ދިން އިރުވެސް އިމާމު މީހާ ޙާޟިރުނުވާނަމަ ތެދުވާކަށް ނުޖެހޭނެ އެވެ. ތެދުވާނީ އިމާމު މީހާ ފެނުނީމަ އެވެ.
عن أبي قتادة رضي الله قال : قال رسول الله صلى الله عليه وسلم (إِذَا أُقِيمَتْ الصَّلَاةُ فَلَا تَقُومُوا حَتَّى تَرَوْنِي) رواه البخاري (637) ومسلم (604) وفي رواية لمسلم : (حَتَّى تَرَوْنِي قَدْ خَرَجْتُ)
އަބޫ ޤަތާދާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ނަމާދަށް ޤަމަތްދެވުނު ކަމުގައިވިޔަސް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ.” އަދި މުސްލިމް ގެ ރިވާޔަތުގައި ވަނީ “ތިމަންކަލޭގެފާނު (ގެއިން) ނަމާދަށް ނުކުންނަނިކޮށް ތިޔަބައިމީހުންނަށް ނުފެންނަނީސް (ނުތެދުވާށެވެ.)”
ނޯޓް: ރާއްޖޭގައި ޢާންމު ގޮތެއްގައި ބަންގި ގޮވާ މީހާ ނަމާދު ކުރި ކަމުގައި ވިޔަސް، ސުންނަތުގައި ވާރިދުވެފައި ވަނީ ބަންގި ގޮވާ މީހާ އަދި އިމާމު މީހާ މީ ވަކި ދެމީހެއް ކަމަށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އިމާމެވެ. ބަންގި ގޮވައި ޤަމަތް ދެއްވަނީ އިބްނު އުއްމު މަކްތޫމް ނުވަތަ ބިލާލު ރަޟިޔަﷲ ޢަންހެވެ. އިމާމާ ނުފެންނަނީސް ނުތެދުވުމަށް މި އޮންނަނީ މިފަދައިން ކަންތައް ކުރާ ޖަމާޢަތްތަކުގައެވެ. އަދި ގެއިން ނުކުންނަނިކޮށް ނުފެންނަނީސް އޭ އެ އޮތް ބަސްފުޅުގެ މުރާދަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ، ގެ ކޮޅާ މިސްކިތްކޮޅާ އެއީ ވަރަށް ކައިރީގައި ހުރި (ގެކޮޅުން ނުކުންނައިރަށް މިސްކިތަށް ވަދެވޭހާ ކައިރީގައި ހުރި) ދެތަން ކަމުގައިވާތީ އެގޮތަށް ޢަމަލުކުރުމެވެ.
ޝައިޚު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ. “ނަމާދަށް ޤަމަތް ދިނުމުން ތެދުވުމަށް ސުންނަތުގައި ކަނޑައެޅިފައިވާ ވަކި ވަޤުތެއް އޮވޭތޯ އެވެ.”
ޖަވާބުގައި ވިދާޅުވި އެވެ. “ތެދުވާންވީ ވަކި ވަޤުތެއް ސުންނަތުގައި ކަނޑައެޅިފައެއް ނުވެއެވެ. “ތިމަންކަލޭގެފާނު ތިޔަބައި މީހުންނަށް ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށޭ” އެންގެވުން މެނުވީ އެވެ. ޤަމަތް ދޭން ފެށުމުން ތެދުވިކަމުގައި ވިޔަސް، ޤަމަތް ދެމުން ދަނިކޮށް ތެދުވި ކަމުގައިވިޔަސް، ޤަމަތްދީ ނިމުމުން ތެދުވިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. މި ހުރިހާ ގޮތަކީ ވެސް ހުއްދަ ގޮތްތަކެވެ.”
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.