އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
އަންނަ މަހުގެ ކުރީކޮޅު ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްގެން ވެސް ސިޓީއަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނިއުކާސަލްގެ ފޯވާޑް ވިސާ އަށެވެ. ނަމަވެސް ސިޓީގެ އޭރިއާ ތެރެއަށް ހުހަށް ހުރެ ވިސާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި ސިޓީއަށް ލީޑު ނަގައިދިނީ މެޗުގެ 53 ވަނަ މިނެޓްގައި އެޓީމާ ދާދިފަހުން ގުޅުނު ސެމެންޔޯ އެވެ. މިއީ ނިއުކާސަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ސެމެންޔޯ ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަޔަން ޗާކީ އެވެ.
މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގެ ލެގުގައި މިރޭ ޗެލްސީން އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ނުކުންނާނެ އެވެ