މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ގާތްތިމާގެ މީހަކަށް ދިން ބިމެއް، ކޮންޓްރެކްޓެއް ނޯންނާނެ ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ގަދަވެފަ އެވެ. އެގޮތުން މި ޕްރައިމަރީގައި އާދަމް އާޒިމްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
މާފަންނު ބޮނޑިބަތް ޕާކު ސަރަހައްދުގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ތިމާގެ މީހަކަށް ދިން ބިމެއް ކޮންޓްރެކްޓެއް ނޯންނާނެ ކަމަށާއި ކޮންޓްރެކްޓްތައް އޮޑިޓްކުރެވި، ގޯހެއް އުޅޭ ކަމަށް ވަންޏާ ފުލުހުންނަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުގެ ތިމާގެ މީހަކަށް ދިން ބިމެއް ނޯންނާނެ ކޮންޓްރެކްޓް ކޮށްފަކައެއް، އަޅުގަނޑުގެ ގާތް މީހަކަށް ދީފަ އޮތް ކޮންޓްރެކްޓެއް ނޯންނާނެ، އެ ތަންތަނުގައި ކުރިން ހަދާފަހުރި އެއްޗެހި އެބަހުރި،" އާޒިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.