Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޕީޖީ އޮފީހަށް މެންޓަލް ހެލްތު ކައުންސެލަރެއް ހޯދަނީ

ޕީޖީ އައްބާސް ޝަރީފް.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މެންޓަލް ހެލްތު ކައުންސެލަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ އިރު މަގާމަށް މީހަކު ހޮވަން ބާއްވާ އިންޓަވިއު އޮންނާނީ މި މަހުގެ 22 އާއި އަންނަ މަހުގެ 22 އާ ދޭތެރޭގަ އެވެ.

މެންޓަލް ހެލްތު ކައުންސިލަރުގެ އަސާސީ މުސާރަ އަކީ 12205ރ. އެވެ. އަދި ލިވިން އެލަވަންސަށް މަހަކު 3000ރ. އަދި ރިސްކް އެލަވަންސަށް މަހަކު 1،000ރ. ވެސް ލިބޭނެ އެވެ. މީގެ އިތުރުން މަގާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓާއި، ޙާޒިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް 120ރ. އަދި އިތުރު ގަޑީގައި މަސައްކަތ ކުރާ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ކައުންސެލިން ދާއިރާއިން ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވުން ހިމެނެ އެވެ.

އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕީޖީ އޮފީހުގެ މުވައްޒަފުން ބޭނުންވެއްޖެ ހިނދެއްގައި ސައިކޮސޯޝަލް ސަޕޯޓާއި ބޭނުންވާ ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި އިންޓަވެންޝަން ހަދަން ޖެހޭ ހާލަތްތަކުގައި އަދި ރިފަރަލް ހަދަންޖެހޭ ހާލަތްތަކުގައި ސްޕަވައިޒަރުގެ ލަފަޔާއި މަޝްވަރާ ހޯދައިގެން އެކަން ކުރުން ހިމެނެ އެވެ. މީގެ އިތުރުން ސްޓްރެސް މެނޭޖް ކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ނަފްސާނީ-އިޖްތިމާޢީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ސެޝަންތަކާއި ވޯކްޝޮޕްތައް ރާވައި ހިނގައި ބެލެހެއްޓުމަކީ ވެސް މަގާމުގެ މަސްއޫލިއްޔަތަކެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެ އޮފީހުން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެކެވެ. އެގޮތުން ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި, ޔުޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ މެއި މަހު ސޮއިކޮށްފައިވެ އެވެ.