Last Updated: June 6, 13:41
Saturday, June 6, 2026
ޚަބަރު

މުވައްޒަފުންގެ ޕެންޝަން ވެމްކޯ އިން ޖަމާ ނުކުރޭ!

ވެެމްކޯގެ އިސްވެރިންތަކެއް. ފޮޓޯ. ވެމްކޯ

ވެމްކޯގެ މުވައްޒަފުންގެ ރިޓަޔަމެންޓް ޕެންޝަނަށް ގަވާއިދުން ފައިސާ ޖަމާނުކުރެވޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެގޮތުން ކޭޝް ފްލޯ ތާށިވެފައިވާތީ، ވެމްކޯގެ މުވައްޒަފުންގެ ރިޓަޔަމެންޓް ޕެންޝަނަށް 20 މިލިއަނަށް ވުރެ ބޮޑު އަދަދެއް ޖަމާނުކުރާކަން ހާމަވެފައިވެ އެވެ.

އެކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ މީހަކަށް ދިން މައުލޫމާތުތަކަކުންނެވެ.

މިކަން ހާމަވުމުން ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގެ ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އެހެންނިހެން އިނާޔަތްތައް ދެމުން ގެންދަނީ، އެ ކުންފުންޏަށް ލިބޭ އާމްދަނީ އާއި ސަރުކާރުން ދޭ ސަބްސިޑީގެ ފައިސާއިން ކަމަށެވެ. ނަމަވެސް، އެކި ފަރާތްތަކުން ހޯދި ހިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ވެމްކޯ އިން ބުންޏެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ނުދައްކާ ހުރި ފައިސާގެ އަދަދު 98 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އެ ފައިސާ ހޯދުމަށް ފާއިތުވި ދެ އަހަރު ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ވެމްކޯއިން ބުންޏެވެ.

އެހެންވެ އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއާއެކު ވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވެމްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މުވައްޒަފުންގެ، ޕެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ޕެންޝަން އޮފީހާއެކު ވެސް އެކި ފަހަރުމަތިން މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ދަތިތަކާ އެކު ވެސް މުވައްޒަފުންނަށް ހައްގުވާ ޕެންޝަން ފައިސާ، އަވަސް މުސްތަގުބަލެއްގެ ތެރޭގައި ޖަމާކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށް ބުންޏެވެ.

ދެހާސް ނުވައެއްގައި އުފެއްދި ވެމްކޯގެ މުވައްޒަފުންގެ އަދަދު މިހާރު 2،000 އަށް ވުރެ ގިނަ އެ އެވެ.