ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ގާތް އެކުވެރިޔާ އަޖޭ ދޭވްގަން ގުޅިގެން ގެނެސްދެމުން އަންނަ ކޮމެޑީ ފްރެންޗައިޒް 'ގޯލްމާލް' ގެ ފަސް ވަނަ ބަޔަަށް ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ އަންނަ މަހުގެ ފަހުކޮޅު މީގެ ޝޫޓިން ފަށަން ނިންމާފައިވާތީ، ފިލްމުގެ މައިގަނޑު ގިނަ މަންޒަރުތައް ނެގުމަށްޓަކައި މުމްބާއީގެ ފިލްމު ސިޓީގައި ސެޓްތަކެއް ބިނާކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާ އިރު، އަންނަ މަސް ނިމުމުގެ ކުރިން 'ގޯލްމާލް 5' ގެ ޝޫޓިން ފަށާނެ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.
'ގޯލްމާލް' އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކޮމެޑީ ފްރެންޗައިޒެވެ.
މީގެ އެންމެ ފަހުގެ ބަޔަކީ 2017 ގެ "ގޯލްމާލް އެގެއިން" އެވެ. "ގޯލްމާލް" ގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2006 ގަ އެވެ. އޭގެ ފަހުން 2008 ގައި "ގޯލްމާލް ރިޓާންސް" ގެނެސްދިނުމަށް ފަހު "ގޯލްމާލް 3" ރިލީޒްކުރީ 2010 ގަ އެވެ.
އަޖޭއާ އެކު މީގެ ކާސްޓްގައި ހިމެނޭ އެކްޓަރުންގެ ތެރޭގައި އަރުޝަދު ވަރްސީ އާއި ތުޝާރް ކަޕޫރާއި ޝްރެޔަސް ތަލްޕަޅޭ ހިމެނެ އެވެ. އަދި "ގޯލްމާލް" ގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރުން ކަމަށްވާ ކުނާލް ކޭމޫ އާއި ޝަރުމަން ޖޯޝީ ވެސް އާ ބައިގައި ހިމެނޭނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން 'ގޯލްމާލް 5' ގެ ބަތަލާއިންގެ ތެރޭގައި ކަރީނާ ކަޕޫރާއި އޭނަގެ ދޮންދަރި ސާރާ އަލީ ޚާން ހިމެނޭނެ އެވެ. ކަރީނާ ކުރިން "ގޯލްމާލް ރިޓާންސް" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
"ގޯލްމާލް 5" ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ އޭނަގެ ކޮޕް ޔުނިވާސް އަށް އަޖޭއާ އެކު ގެނެސްދެމުން އަންނަ "ސިންގަމް" ސީރީޒްގެ ތިން ވަނަ ފިލްމު 2024 ގެ "ސިންގަމް އެގެއިން" އެވެ.