މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ، އައްޑޫގެ މަޝްހޫރު ޅެންވެރިޔާ ޙަސަން ލަބީބަށް ހާއްސަ ކުރަން ނިންމައިފި އެވެ.
އައްޑޫ ހިތަދު އަށް ނިސްބަތްވާ ލަބީބަކީ ޅެންވެރިކަމާއި އަދަބީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ޅެންވެރިކަމުގެ ކްލާސްތައް ހިންގެވުމާއި، "ޝާޢިރުންގެ ވާދީ" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ޖަމިއްޔާ މެދުވެރިކޮށް މިހާރު ވެސް އަންނަނީ އެ ދާއިރާ އަށް ހިދުމަތްކޮށް ދެއްވަމުންނެވެ.
"ޅެންވެރިންގެ ބަހާރު" ގެ އެއް މުޝީރަކީ ވެސް ލަބީބެވެ.
އޭނަ އަށް 2021 ގައި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.
ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން 1960 އިން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ލަބީބު ހައްދަވައިފައިވާ ގިނަ ޅެންތަކަކީ،އެކިއެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ހައްދަވާފައިވާ ޅެންތަކެވެ.
ލަބީބު ޅެން ހައްދަވަން ފެއްޓެވީ އުމުރުން އެންމެ 15 އަހަރުގަ އެވެ.