Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޑްރަގް މީހަކު ބުނީ ނަފުސާނީ ބަލި މީހެއް ކަމަށް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން މިދިޔަ ހަފުތާގައި އަތުލައިގަތް ދެ މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލިމީހެއް ކަމަށާއި ކުރިން ވެސް މީހުން އޭނާ އެކްސްޕްލޮއިޓްކޮށްގެން ކުށްކުރުވި ކަމަށް ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. މަޑަވެލި، ވަލުތެރޭގޭ މުޙައްމަދު އީވާން ޙާމިދު، 23، އާއި ހ. ސަކީނާމަންޒިލް، މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު، 31، އެވެ.

މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮަޕެރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ފުރަތަމަ ޖެހީ 7 ދުވަހެވެ. އެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ އެމީހުން ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

އެގޮތުން ހާޒިރުކުރުމުން ރާއިދު ވަނީ އޭނަ އަކީ މަތީ ދަރަޖައަކަށް ނަފުސާނީ ބަލި ހުންނަ މީހެއް ކަމަށާއި އެކަމަށް ރިއާޔަތްކޮށް، ގޭބަންދަށް ނަމަވެސް ދޫކޮށްދޭން އެދޭ ކަމަށް ބުނެފަ އެވެ. އަދި އޭނާ އަކީ ”އެކްސްޕްލޮއިޓްކޮށްގެން“ ކުށްކުރުވަން ކުރިން ވެސް ބޭނުންކޮށްފައިވާ މީހެއް ކަމަށް ވެސް ބުނެފައި ވެ އެވެ.

އެހެން ނަމަވެސް އެ މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލައި، ބަންދުން ދޫކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ނިންމައި، ކޯޓުން އަމުރުކުރީ ރާއިދާއި އީވާން ވެސް 30 ދުވަހަށް ބަންދު ކުރުމަށެވެ.