ދަތުރު ކުރަމުން ދިޔަ ރޭލެއްގެ މައްޗަށް ކްރޭނެއް ވެއްޓި ތައިލޭންޑުން މިއަދު 22 އެއްހާ މީހުން މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެނދުނު މި ހާދިސާ ހިނގާފައި ވަނީ ވެރިރަށް ބެންކޮކްގެ އުތުރުން އޮންނަ ނަކޯން ރަޗަސިމާ ޕްރޮވިންސްގަ އެވެ. ރޭލުގެ މައްޗަށް ކްރޭން ވެއްޓުނީ ރޭލު ދަތުރުކުރާ ޓްރެކާ ދިމާލުން ހަދާފައިވާ ތަނބުތަކެއްގެ މަތީގައި ކްރޭނު ބޭނުންކޮށް މަސައްކަތެއް ކުރަމުން ދަނިކޮށެވެ.
މި ހާދިސާ ހިނގި އިރު ރޭލުގައި ޖުމްލަ 195 މީހަކު ތިއްބެވެ.
މި ހާދިސާގައި 22 އެެއްހާ މީހުން މަރުވެފައިވާ އިރު، އެ އަދަދު އަދިވެސް އިތުރު ވެސް ވެދާނެ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ. ރޭލުގެ މައްޗަށް ކްރޭން ވެއްޓި އަލިފާން ވެސް ރޯވެފައިވާ އިރު، މި ހާދިސާގައި 80 އެެއްހާ މީހުން ޒަހަމް ވެސް ވެފައިވެ އެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ތައިލޭންޑްގެ ޓްރާންސްޕޯޓް މިނިސްޓަރު ސޫރިއާ ޖުއަންގްރޫންގްރަންގްކިޓް ވަނީ ހާދިސާގެ ފުރިިހަމަ ތަހުގީގަކަށް ގޮވާލައްވައިފަ އެވެ.