ތިން ސީޒަނަކަށް ނެޓްފްލިކްސް އިން ގެނެސްދިން ދެކުނު ކޮރެއާގެ މަޝްހޫރު ސީރީޒް "ސްކްއިޑް ގޭމް" ގެ މޭސްތިރިޔާ ހުވަންގް ޑޮންގް-ހީކް އާ ސީރީޒަކަށް ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ އޭނަގެ އާ ސީރީޒަކީ ވެސް ނެޓްފްލިކްސް އަށް ހަދަން ހަމަޖެހިފައިވާ އެއްޗެެއް ކަމަށެވެ. ހުވަންގް ޕްރޮޑިއުސްކުރާ ސީރީޒް ނަމަކީ "ދަ ޑީލާ" އެވެ.
މި ސީރީޒްގެ ވާހަކަ އެނބުރޭނީ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަ ކެސިނޯ ޑީލަރަކު ހައުސިން ފްރޯޑް ސްކީމެއްގައި ތާށިވެ، އެކަމުން ސަލާމަތްވާން ކުރާ މަސައްކަތުގެ މައްޗަށެވެ. "ދަ ޑީލާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އޮނޫ އާއި ލީ ޓޭ-ޔަންގެވެ.
މި ސީރީޒްގެ ޓައިޓްލް ރޯލު ކުޅޭނީ "ލަވް ރީސެޓް" އާއި "އަލްކެމީ އޮފް ސޯލްސް" ފަދަ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ޖަންގް ސޯ-މިން، 36، އެވެ. "ދަ ޑީލާ" ގެ ކާސްޓްގައި ރިއޫ ސިއަންގް-ބަމް، ލީ ސޫޫ-ހީކް އަދި ރިޔޫ ކިޔުންގް-ސޫ ހިމެނެ އެވެ.
މީގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ ކުޅަދާނަ ސިނަމަޓޯގްރާފަރު ޗޮއި ޔަންގް-ވަން އެވެ. އޭނަ އަކީ "ސްމަގްލާސް" އާއި "ވެޓެރަންސް" އާއި "ޓަޒާ: ދަ ހައި ރޯލާސް" ގެ އިތުރުން "ދަ ތީވްސް" ގެ ސިނަޓޯގްރާފަރެވެ. "ދަ ޑީލާ" ވާނީ ޗޮއިގެ ފުރަތަމަ ޑައިރެކްޝަނަށެވެ.