މާލޭގައި ދިރިއުޅޭ ގޭގައި ކެނަބިސް ގަސްތަކެއް ހައްދައި، މަސްތުވާތަކެތި ގެންގުޅުނު މީހެއްގެ މައްޗަށް ހަތަރު ދައުވާއެއް ސާބިތުވެ 100 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.
ދެހާސް ތޭވީހހގެ މެއި މަހު މާލެއިން ކެނަބިސް ގަސްތަކެއް ފުލުހުން އަތުލައިގަތީ މާލޭގެ ގެއެއްގެ ދޮރު ކައިރީގައި ކެނަބިސް ގަހެއް ހުއްޓާ ފުލުހުންނަށް ފެނިގެންނެވެ. އެތަނުގައި ފުލުހުން ޙަރަކާތްތެރިވަމުން ދަނިކޮށް ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހު އެތަނަށް ގޮސް އެއީ އޭނާގެ ގަހެއް ކަމަށާއި އަދި އޭނާ ދިރިއުޅޭ އުޅޭ ގޭގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ފުލުހުންގެ ގާތު އެއްބަސްވެފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.
އެހެންވެ، އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން އެޕާޓްމަންޓާއި ކޮޓަރި ހުޅުވައި ބެލިއިރު ކެނަބިސް ގަސްތަކުގެ އިތުރުން 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތީގެ އެހެން ބާވަތްތައް ވެސް އެޕާޓްމަންޓްގެ އެކި ތަންތަނުގައި ހާމައަށް ބަަހައްޓާފައި ހުރި ކަމަށް ވެސް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވެ އެވެ.
އެ މައްސަލާގައި އޭނަގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ރާއްޖެއަކީ ކެނަބިސް ގަސް ލިބެން ހުންނަ ގައުމަކަށް ނުވާއިރު، އެތަކެތި ނިޝާން އަށް ލިބުނު ގޮތެއް ނުވަތަ ގެންގުޅުނު ބޭނުމެއް ބުނެދެވިފައެއް ނުވެ އެވެ. އެހެންވެ، އެއީ އޭނަ ހެއްދި ތަކެތި ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލާގައި ޔާސިހުގެ މައްޗަށް ކުރި ހަތަރު ދައުވާ ސާބިތުވެފައި ވާތީ، ކޮންމެ ދައުވާއެއްގައި 25 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ. ރުފިޔާގެ ޖޫރިމަނާއެއް ކޯޓުން ކަނޑައެޅި އެވެ. އެއީ ޖުމްލަ 100 އަހަރުގެ ޖަލު ހުކުމަކާއި، 400،000ރ. ގެ ޖޫރިމަނާ އެވެ.
ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ނިޝާންގެ ބަންދުގައި ހޭދަކުރި ދެ އަހަރާއި ހަތް މަހުގެ މުއްދަތު އުނިކުރުމަށް ފަހު، އޭނަ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 98 އަހަރެވެ.