Last Updated: July 10, 10:08
Friday, July 10, 2026
ޚަބަރު

ޒަކާތު ކައުންސިލްގެ މަސައްކަތް ފަށައިފި

ޒަކާތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލުގެ ރައީސް އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ ފަދަ، ދެފުށް ފެންނަ، އަދި ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލުގެ މެންބަރުން މަޝްވަރާކުރެއްވި އެވެ.

ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް އެކުލަވައިލެވިފައިވާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. މީގެ ތެރޭގައި ހިމެނެނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)، އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މަންދޫބުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޒަކާތާބެހޭ މާހިރުންނެވެ.

މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. ޚާއްޞަކޮށް އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ޤައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގައެވެ.