Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ލޯފަން މީހުން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު 10:00ގެ ކުރިން 1414 އަށް ގުޅައި ރަޖިސްޓަރީކުރަން ވާނެ ކަމަށެވެ.

އެގޮތުން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 ގެ ކުރިން ގުޅުމުން ރަޖިސްޓަރީކުރުމުގެ އިންތިޒާމްތައް ހަމަޖެހޭނެ އެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެކަމަށް ޚާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އަދި މި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުޞަތު އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތަކަށް، އެކަމަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް މާލެއާއި އަތޮޅުތެރޭގައި މިކަމާގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންގޮސް ޓެމްޕްލޭޓްގައި އަމިއްލައަށް ފާހަގަޖެހުމަށް ބޭނުންވާ ފަރާތްތަކަށް މި ތަމްރީންގެ ތެރޭގައި އަމަލީގޮތުން ޓެމްޕްލޭޓް ބޭނުންކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފަ އެވެ.