Last Updated: June 6, 11:37
Saturday, June 6, 2026
މުނިފޫހިފިލުވުން

ވަރުގަދަ 2 އެކްޝަން ތަރިން އެއް ފިލްމަކަށް

އިންޑިއާގެ ވަރުގަދަ ދެ އެކްޝަން ތަރިއަކު އެއް ފިލްމެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ ޓައިގާ ޝްރޮފާ އެކު ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ހަދަން ތައްޔާރީތައްވަމުން އަންނަ ރޮމޭންޓިކް އެކްޝަން ފިލްމެވެ. މިއާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ޓައިގާއާ އެކު ފިލްމުގައި އެކްޝަން ތަރި ވިދުޔަތު ޖަމްވަލް ވެސް ވަރުގަދަ ރޯލެއް ކުޅޭނެ އެވެ.

އޭނަ އަކީ ކޮމާންޑޯ ފްރެންޗައިޒްގެ ބަތަލެވެ. ވަރަށް ވަރުގަދަ އެކްޝަން އެކްޓަރެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރު ވިދުޔަތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ތަމަޅަ ސައިކޮލޮޖިކަލް ތުރިލާ މަދަރާސީ އެވެ. ވިދުޔަތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހޮލީވުޑްގެ ފިލްމު ސްޓްރީޓް ފައިޓާ ވެސް ހިމެނެ އެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 16 ގަ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން ޓައިގާ އާއި ވިތުޔަތު ހިމަނައިގެން މިލަޕް ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލާ އަކީ އިންޑިއާގެ ދެކުނުގެ ބަތަލާ ކްރިތީ ޝެޓީ އެވެ. އޭނަ ކުރިން ވެސް ހިންދީ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ރިތިކް ރޯޝަންގެ 2019 ގެ ސުޕަ 30 ގެ ސަޕޯޓިން ރޯލެކެވެ.

މިލަޕްގެ އާ ފިލްމަކީ ޓީ ސީރީޒްއާ ގުޅިގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ. މިދިޔަ އަހަރު މިލަޕްގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ ކޮމެޑީ ފިލްމު މަސްތީ 4 އާއި އަސަރު ގަދަ ލޯބީގެ ފިލްމު އޭކް ދީވާނޭ ކީ ދީވާނީޔަތު އެވެ.