ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާޗް (ސީއައިއެފްއޯއާރު-އައިސީއާރުއޭއެފް) ގުޅިގެން، ރާއްޖޭގެ "ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.
މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ގާއިމުކުރުމެވެ.
އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ މި ސިޔާސަތުގެ ބޭނުމެކެވެ.
މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ.
މި ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނެ އެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އޭގެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.