Last Updated: July 10, 06:44
Friday, July 10, 2026
ޚަބަރު

ކުދިންނަށް ރައްކާތެރި މާހައުލުތައް ހޯދައިދޭން މަސައްކަތް ކުރާނެ

ކުޑަކުދިންނަށް ރައްކާތެރި މާހައުލުތައް ހޯދައިދޭން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ރިވިއު ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަމުން އުޝާމް ވިދާޅުވީ ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށާއި، ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެން، ކަންކަމުގައި އެކުދިން ދެކޭގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ރާއްޖެއިން އިސްކަންދޭ ކަންކަން ކަމަށެވެ.

އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަކީ ރާއްޖޭގެ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، ތަރައްޤީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުޢާހަދާއެއްކަން ފާހަގަކުރައްވައި، ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި، އެކުދިންނަށް އިޙްތިރާމްކުރާ، އަދި އެކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލުތައް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފަ އެވެ.

މި ރިވިއު ސެޝަނަށްފަހު، ރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ޙިއްޞާކުރާނެ އެވެ.