އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީ އަތުން 3-2 އިން މޮޅުވެ އާސެނަލް ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
އަންނަ މަހުގެ ކުރީކޮޅު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްގެން ވެސް އާސެނަލަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި ބެން ވައިޓް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ ޗެލްސީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ ފޯވާޑް ވިކްޓަ ޔޮކަރޭސް ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ 57 ވަނަ މިނެޓްގައި ޗެލްސީގެ ފުރަތަމަ ގޯލު ދެވަނަ ހާފުގައި ކުޅެން އެރި އަލެހަންދްރޯ ގަނާޗޯ ކާމިޔާބުކޮށްދިން އިރު، މެޗުގެ 71 ވަނަ މިނެޓްގައި މާޓިން ޒުބިމެންޑީ ވަނީ އާސެނަލްގެ ލީޑު އަނެއްކާވެސް ފުޅާކޮށްދީފަ އެވެ. މި މެޗުގައި ޗެލްސީން ޖެހި ދެވަނަ ގޯލުވެސް މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ގަނާޗޯ އެވެ.
އާސެނަލުން އެންމެފަހުން ފައިނަލެއްގައި ކުޅެފައިވަނީ 2020 ވަނަ އަހަރު އެވެ. އެފަހަރު ޗެލްސީ ބަލިކޮށް އާސެނަލުން ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.