ސްޕެނިޝް ކަޕްގެ ގަދަ 16 ގައި ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އަލްބަސެޓޭ އަތުން 3-2 އިން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ.
ރެއާލްގެ ކޯޗުކަމުން ދާދިފަހުން ޒަބި އޮލޮންސޯ ވަކިކޮށްފައިވާއިރު، ރެއާލްގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައިވަނީ ރެއާލްގެ ބީ ޓީމުގެ ކޯޗު އަލްވަރޯ އާބެލޯއާ އެވެ.
އަލްބަސެޓޭގެ ދަނޑުގައި ކުޅުނު މެޗަށް ރެއާލުން ނެރުނު ފުރަތަމަ އެގާރައިން ބޮޑަށް ޖާގަ ދީފައިވަނީ އާންމުކޮށް ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ކުޅުންތެރިންނަށެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 42 ވަނަ މިނެޓްގައި ހަވީ ވިލާ ވަނީ އަލްބަސެޓޭ އަށް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މަސްޓަންޓުއޯނޯ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ އަލްބަސެޓޭ ކަމަށްވާއިރު، މި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ބެޓަންކޫރް އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގޮންޒާލޯ ގާސިއާ ރެއާލަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބެޓަންކޫރް ވަނީ އަލްބަސެޓޭގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުން ރެއާލް ކަޓުވާލާފަ އެވެ.
އަލްބަސެޓޭ އަކީ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ 17 ވަނައިގައި އޮތް ޓީމެކެވެ.