އެމްޑީޕީގެ ވެރިކަން ވައްޓާލި ބަޔަކަށް ޗަރުކޭސް ކުޅެން އެ ޕާޓީގެ މެމްބަރުން ދެން ފުރުސަތު ނުދޭނެ ކަމަށް ދެވަނަ ދައުރަކަށް މަގާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ފޯރިވަނީ ގަދަވެފަ އެވެ. އެގޮތުން މި ޕްރައިމަރީގައި އާދަމް އާޒިމްއާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
މާލޭގައި ރޭ ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ދޮގާއި މަކަރާއި ހީލަތް ހަދައިގެން، އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ ވެރިކަން ވައްޓާލައި، އެމްޑީޕީގެ މެމްބަރުންނަށް ނިކަމެތި ހާލު ޖައްސާފައިވާ ކަމަށެވެ.
"އެ ބަޔަކު މިއަދު ނިކުމެ ހަމަ އެ ޗަރުކޭސް ކުޅެގެން އެކަން ކުރުމުގެ ފުރުސަތެއް އެމްޑީޕީގެ މެންބަރުންނެއް ދެނެއް ނުދޭނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ދެން ވައްކަމާއި ކޮރަޕްޝަން ނުހިންގޭނެ ކަމަށާއި އެކަން ކުރި މީހުން މިއަދު ތިބީ މި ގައުމުގެ ވެރިކަމުގައި ކަމަށެވެ. އަދި އެމީހުން ވެރިކަމަށް ގެނައި މީހުން ސިޓީ ކައުންސިލަށް އަންނަން މަސައްކަތް ކުރަނީ އެފަދަ ކަންކަން ވެރިކަމުގައި ތިބި މީހުންނަށް މަގުފަހިކޮށްދޭން ކަމަށާއި މިއީ އެމްޑީޕީ މެމްބަރުން ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެއްދި މެމްބަރުންނަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުން އާޒިމް ވަނީ އެއީ މި ސަރުކާރުގެ ބައިވެރިން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި އެމްޑީޕީގެ ބައިވެރިން ނޫން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މާދަމާ އެވެ.