މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ގްރޭޓަ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.
މި ފުރުސަރުތަކަށް ކުރިމަރިތިލާން ކުރިން ހުޅުވައިލަން ނިންމީ މި މަހުގެ 4 ގަ އެވެ. ނަމަވެސް ފަހުން ވަނީ ތާރީހު މިއަދަށް ފަސްކުރީ އެވެ. އެގޮތަށް ނިންމީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާޙުތައް ގެނައުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
އުސޫލަށް ބަދަލު ގެނެސްފައިވަނީ، މީގެ ކުރީގެ ސްކީމަކުން 1 ކޮޓަރި އަދި 2 ކޮޓަރި ލިބިފައިވާ މީހުންނަށް، ދަރިން ތިބި މިންވަރަށް ބަލާ ވަކި ޝަރުތުތަކަކާ ލައިގެން 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު ދިނުމަށެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.
ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްޞަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ 1،500 ގޯއްޗެވެ.
ކޮންމެ މީހަކަށްވެސް ފޯމު ހުށައެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ. އަދި އެ ސްކީމުގެ ވެސް އެއް ކެޓަގަރީއިންނެވެ.
މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައި ވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ޚާއްޞަ ކެޓަގަރީތައް ހިމެނެ އެވެ. ޚާއްޞަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީއަކަށް ބަހާލާފައިވެ އެވެ.
ފޯމު ހުށަހަޅާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އަދި އީފާސް ބޭނުންކޮށްގެން ޕޯޓަލަށް ލޮގިން ވެވޭނެއެވެ.
މި ފަހަރުގެ އުސޫލުފައިވާ ގޮތުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ މި މަހުގެ 14 ގެ ނިޔަލަށެވެ. އަދި ޚާއްސަ ޚާލަތާ ގުޅިގެން މެދުކެނޑުމެއް އައި ނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެ އެވެ.
ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ.
ފޯމު ހުށައެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އެޕްރީލް މަހުގެ 14 އަށެވެ.