Last Updated: June 6, 11:37
Saturday, June 6, 2026
ދުނިޔެ

ގްރޮކްގައި 'ބަރަހަނާ ނުކުރެވޭ' ގޮތް ހަދައިފި

މީސްމީހުންގެ ބަރަހަނާ މަންޒަރު އުފައްދައި، ބޭއަދަބީ މުއާމަލާތްތަކެއް ހިންގާ މައްސަލަ ބޮޑުވެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމާ ގުޅިގެން ގްރޮކްގައި އަސްލު މީހުންގެ ފޮޓޯތައް އެޑިޓް ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

ގްރޮކް އަކީ މަހުޖަނު އީލޮން މަސްކްގެ އެކްސްގެ ދަށުން ހިންގަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓެކެވެ. އޭގައި މީސްމީހުންނާއި ކުޑަކުދިންގެ ފޮޓޯތައް އެޑިޓްކޮށް، 'ބަރަހަނާކޮށް' ބޭއަދަބީ މުއާމަލާތްތައް ހިންގާ މައްސަލަ ބޮޑުވެ، މެލޭޝިއާ އާއި އިންޑޮނީޝިއާ އިން މި ހަފުތާގައި ގްރޮކް މަނާ ވެސް ކޮށްފައިވެ އެވެ.

ގިނަ ގައުމުތަކަކުން މިހާރު ގްރޮކްއާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުން ވެސް އެއަށް ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިޝާރާތެއް ދީފައި ވަނިކޮށް އެކްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގްރޮކްގައި މިހާރު އަސްލު މީސްމީހުންގެ ފޮޓޯ އެޑިޓް ނުކުރެވޭ ގޮތަށް އޭގެ ފީޗާތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.

އޭގައި ބުނީ މި އުސޫލު ފީ ދައްކައިގެން އެކްސް ބޭނުން ކުރާ މީހުންގެ މައްޗަށް ވެސް ހިނގާނެ ކަމަށެވެ. އެކަމަކު ސަބްސްކްރައިބަރުންނަށް ފޮޓޯތައް އެޑިޓް ކުރުމުގެ އިހުތިޔާރު ލިބިދޭނެ އެވެ.

އެކްސް އިން ބުނީ މިހާރު އެޅި ފިޔަވަޅާ އެކު އޭގެ އުސޫލުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ނިމުމަކަށް ގެނެވި ކުރިއަށް ވުރެ ހުރިހާ ގޮތަކުން ވެސް ރައްކާތެރި ޕްލެޓްފޯމަކަށް ގްރޮކް ވާނެ ކަމަށެވެ.

އެކްސް އިން މިފަދަ ބަދަލެއް ގެންނަން ނިންމި އިރު، ގްރޮކް އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭގެ ދިފާއުގައި އީލޮން ކުރިން ވާހަކަ ދައްކަވާފައިވެ އެވެ. އޭނަ ވިދާޅުވީ ބައެއް މީހުން އުޅެނީ އެކްސް އަށް ފާޑު ކިޔާނެ ގޮތެއް ނުފެނިގެން ކަމަށާއި ބަޔަކު ބޭނުން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭތޯ ކަމަށެވެ.