އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އިންޑިއާގެ ފިލްމު 'ޕުޝްޕާ'ގެ ބަތަލު އައްލޫ އަރުޖުން އާ ފިލްމެއް އިއުލާންކޮށްފި އެވެ.
ރަސްމީކޮށް އަދި ނަން ހާމަނުކުރާ އޭނަގެ އާ ފިލްމަކީ ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މީގެ ވާހަކަ ވީޑިއޯއަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށް އައްލޫ ބުނީ އާ ފިލްމާ މެދު ވަރަށް އުފަލުން ހުރި ކަމަށެވެ.
ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ތެލެގޫ އެކްޓަރު އާ ފިލްމެއް އިއުލާންކުރި އިރު، އޭނަ މިހާރު އަންނަނީ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯން އެވެ.
އެޓްލީ އަކީ ދީޕިކާ ރޯލެއް ކުޅުނު ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' ގެ ޑައިރެކްޓަރެވެ.
ލޮކޭޝްގެ އާ ފިލްމު އައްލޫއާ އެކު ހަދަން ނިންމި އިރު، އާމިރު ޚާން ހިމަނައިގެން އޭނަ ސުޕަހީރޯ ފިލްމެއް ހަދަން ވެސް އޮތީ ވާހަކަ ދެކެވިފަ އެވެ. ލޮކޭޝްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ރަޖްނީކާންތު އެކްޝަން ތުރިލާ 'ކޫލީ' އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 'ކައިތީ'، 'މާސްޓާ'، 'ވިކްރަމް' އަދި 'ލިއޯ' ހިމެނެ އެވެ.