ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ދަރިފުޅު، ޖުނައިދު ޚާންގެ ތިން ވަނަ ފިލްމު އަންނަ މެއި މަހު ގެނެސްދޭން ނިންމައި އޭގެ ފުރަތަމަ ޕޯސްޓަރު ވެސް މިއަދު ދައްކާލައިފި އެވެ.
އާމިރު ޕްރޮޑިއުސްކޮށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ 'އޭކް ދިން' އެވެ. އަދި މި ލޯބީގެ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމީ މެއި 1 ގަ އެވެ. 'އޭކް ދިން' ގައި ޖުނައިދާ އެކި ބަތަލާގެ ރޯލުން ފެންނަނީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަތަލާއެެއް ކަމަށްވާ ސައީ ޕައްލަވީ އެވެ. އޭނަ އަކީ ރަންބީރް ކަޕޫރާ އެކު ޑައިރެކްޓަރު ނިތޭޝް ތިވާރީ، ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ ހުރާފީ ފިލްމު 'ރާމާޔަން' ގެ ވެސް ބަތަލާ އެވެ.
މީގެ ފުރަތަމަ ބައި ސިނަމާތަކަށް ގެންނާނީ މި އަހަރުގެ އޮކްޓޯބަރު މަހު އެވެ.
'އޭކް ދިން' އަކީ ސައީ، 33، ގެ އަލަތު ބޮލީވުޑް ފިލްމެވެ.
ސުނިލް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕޯސްޓަރާއި ރިލީޒްކުރާ ތާރީހު އާންމު ކުރުމަށް ފަހު، މާދަމާ ފިލްމުގެ ޓީޒާ ގެނެސްދޭނެކަން ވެސް އިއުލާންކޮށްފައިވެ އެވެ.
ޖުނައިދު، 32، ގެ ދެވަނަ ފިލްމަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ 'ލަވްޔާޕާ' އެވެ. އާމިރު ޕްރޮޑިއުސްކޮށް، އަދުވައިތު ޗަންދަން ޑައިރެކްޓްކުރި އެ ފިލްމުގެ ބަތަލާ އަކީ ކުރީގެ ބަތަލާ ސްރޫދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ. ޖުނައިދުގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2024 ގައި ނެޓްފްލިކްސް އަށް ގެނައި ތާރީހީ ފިލްމު 'މަހާރާޖް' އެވެ.
'އޭކް ދިން' މެއި މަހު ގެނެސްދޭ އިރު، އާމިރުގެ ކުންފުނިން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަކީ މާދަމާ ސިނަމާތަކަށް ދޫކޮށްލާ ޑާކް ކޮމެޑީ 'ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް' އެވެ. އާމިރުގެ ހާއްސަ ފެނިލުމެއް ހިމެނޭ މި ފިލްމަކީ އެކްޓަރު ވީރު ދާސް ކުޅެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.