Last Updated: June 4, 23:58
Thursday, June 4, 2026
ރިޕޯޓް

ސިޔާސީ މަސައްކަތުގައި ވަފާތެރިކަން އޮވޭބާ؟

ސިޔާސީ ދާއިރާ އަކީ އާއްމު ދިރިއުޅުމާއި ތަފާތު ގިނަ ކަންތައްތަކެއް ހިމެނޭ ދާއިރާއެކެވެ. މި ދާއިރާގައި ކުރެވޭ މަސައްކަތްތަކުގައި އެކި ފަރާތްތަކުން ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް ބިނާކޮށް ގުޅުންތައް ބަދަހިކުރެ އެވެ. ނަމަވެސް، މި ގުޅުންތަކުގެ ހަގީގަތަކީ ކޮބައިތޯ އެވެ؟ ސިޔާސީ ކަންކަމުގައި ތެދުވެރިކަމާއި ވަފާތެރިކަން ދެމިހުންނަނީ ކިހާ ވަރަކަށް ބާވަ އެވެ؟
ސިޔާސީ މަސައްކަތުގައި ވަފާތެރިކަން، ޒާތީ ފައިދާއަށްވުރެ ދިގުދެމިގެންދާނީ ވަރަށް މަދު ޙާލަތެއްގަ އެވެ.

ބާރާއި ފައިސާ ނުވަތަ ރައްކާތެރިކަން ފަދަ ކަންކަން ދައުރުވަމުންދާ ހިނދު، އެކުވެރިންނާއި އެއްބާރުލުންދޭ ފަރާތްތައް ގާތުގައި ތިބެދާނެ އެވެ. އެކަމަކު މިފަދަ އިނާމުތަކާއި އެދުންތަކަށް ނިމުމެއް އަތުވެއްޖެ ނަމަ، އެންމެ ރެއަކުން ވެސް އެ ވަފާތެރިކަން ބަދަލު ވެދާނެ އެވެ. މިއީ ސިޔާސީ ދާއިރާގައި ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ.

"އަސާސީ ހަމަތަކަށް ބިނާވެގެން އުފެދޭ ވަފާތެރިކަން" ސިޔާސީ ވާދަވެރިކަމާއި ފައިދާ އަށް އަމާޒުކޮށް އުފައްދާ ގުޅުންތަކުގެ ތެރޭގައި ދެމިހުރުމަކީ ގިނަ ފަހަރު ދަތިކަމެކެވެ. ސިޔާސީ މައިދާނުގައި އުސޫލުތަކަށްވުރެ ބޮޑަށް ޒާތީ މަސްލަހަތުތަކަށް އިސްކަން ދެވޭ މަންޒަރުތައް ފެނުމަކީ ޢާންމު ކަމެކެވެ. މިގޮތުން ބަލާ އިރު، ދިވެހި ރާއްޖޭގެ ސިޔާސީ މާހައުލަކީ މިފަދަ ވަފާތެރިކަން ބަދަލުވާ ގޮތްތައް ވަރަށް ފާޅުކޮށް ފެންނަ ތަނެކެވެ. އެއީ ބައެއް ފަހަރު އެހެން ޤައުމުތަކަށް ވެސް ނަމޫނާ ދައްކުވައިދޭފަދަ ގޮތަކަށެވެ. އެކި ދައުރުތަކުގައި ސިޔާސީ ބާރާއި ފައިސާގެ ނުފޫޒުތަކުގެ ސަބަބުން އެކުވެރިކަމާއި ވަފާތެރިކަން ބަދަލުވަމުންދާ މަންޒަރުތަކަކީ ދިވެހި ރާއްޖެއިން ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވޭ ހަޤީޤަތެކެވެ.

މިސާލަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ "ފިނިފެންމަލެއް" ކަމުގައި ސިފަކުރެއްވި ބޭފުޅާ މިއަދު އެމަނިކުފާނަށް ނިސްބަތް ކުރައްވަނީ ބަދު ބަސްތަކުންނެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙްގެ ގުޅުމަށް ވެގެން ދިޔަގޮތާ މެދު ވެސް ވިސްނައި ފިކުރުކޮށްލެއްވުން މުހިންމެވެ.

ސިޔާސީ ކަންކަމުގައި ވަފާތެރިކަމާއި ތެދުވެރިކަމަކީ ކޮމްޕްލެކްސް އަދި ގިނަ ފަހަރަށް ފުށުއަރާ ކޮންސެޕްޓްތަކެކެވެ. މި ދެ ކަންތަކަކީ ހެޔޮ ސިފަތަކެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ދިވެހި ރާއްޖޭގެ ތަޖުރިބާ އާއި، ތަހުލީލުތަކުން ދައްކާ ގޮތުގައި ވާދަވެރި ސިޔާސީ މާހައުލުތަކުގައި ގިނަ ފަހަރަށް އޮބްޖެކްޓިވް ތެދުވެރިކަމަށް ވުރެ ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ވަފާތެރިކަން އިސްކުރެވުމަކީ ވަރަށް ޢާންމު ކަމެކެވެ.

ސިޔާސީ ދާއިރާގައި ހަގީގީ ތެދުވެރިކަމާއި ވަފާތެރިކަމުގެ ރޫޙު ދެމެހެއްޓުމަކީ، ވަރަށް މަދު ފަރާތްތަކަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ގިނަ ފަހަރު ސިޔާސީ މަސައްކަތްތަކުގައި ފައިދާ އާއި މަސްލަހަތަށް އަބަދުވެސް އިސްކަން ދެވޭ އިރު، ހަގީގީ އުސޫލުތަކާއި އަސާސްތަކުގެ މަތީގައި ސާބިތުކަމާ އެކު ކުރިއަށް ދިއުމަކީ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ތެދުވެރިކަމާއި ވަފާތެރިކަމުގެ ހަގީގީ މާނަ ދެނެގަތުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ.