ރޭލެއްގެ މައްޗަށް ކެރޭނެއް ވެއްޓި އިއްޔެ ތައިލޭންޑްގައި ގިނަ ބަޔަކު މަރުވެފައި ވަނިކޮށް މިއަދު ވެސް އެ ގައުމުގައި ހަމަ އެފަދަ ހާދިސާއެެއްގައި ހިނގައި ބަޔަކު މަރުވެއްޖެ އެވެ.
ހައިވޭއެއްގެ މައްޗަށް ކެރޭނެއް ވެއްޓި މިއަދު ދެ މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ. އެ ހާދިސާ ހިނގީ މަތިން ދަތުރު ކުރެވޭ ގޮތަށް ސަމޫތު ސަކޯންގައި ހަދަމުން އަންނަ އެކްސްޕްރެސްވޭއެއްގެ މަސައްކަތުގެ ތެރޭގެ ތެރޭގައި ކެރޭން ހައިވޭގެ މައްޗަށް ވެއްޓި އެވެ.
މި ހާދިސާގައި ކެރޭނު ވެއްޓި ހައިވޭގައި ވެހިކަލްތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މިއަދުގެ ހާދިސާ ހިނގި ތަނަކީ މީގެ ކުރިން ވެސް މިފަދަ ގިނަ ހާދިސާތަކެއް ހިނގާފައިވާ ތަނެކެވެ. އެހެންވެ އެ ސަރަހައްދު މަޝްހޫރުވެފައި ވަނީ ޑަތު ރޯޑް ނުވަތަ މަރުގެ މަގުގެ ގޮތުގަ އެވެ.
މީޑިއާތަކުން ބުނީ މިއަދު ހައިވޭއެއް ވެއްޓުނު ކެރޭނަކީ އިޓާލިއަން-ތައި ޑިވެލޮޕްމަންޓް ކުންފުނީގެ އެއްޗެއް ކަމަށެވެ. އިއްޔެ ރޭލެއްގެ މައްޗަށް ވެއްޓި 32 މީހަކު މަރުވެ، 60 އަށް ވުރެ ގިނަ މީހުން ޒަހަމްވީ ވެސް ހަމަ އެ ކުންފުނީގެ ކެރޭނެއް ވެއްޓިގެންނެވެ.
އިއްޔެގެ ހާދިސާއާ ގުޅިގެން ތައިލޭންޑްގެ ސްޓޭޓް ރެއިލްވޭ އިން ބުނީ އެއީ އިހުމާލުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށާއި އެކަމާ ގުޅިގެން ކުންފުންޏަށް ދައުވާ ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.
އިޓާލިއަން-ތައި ޑިވެލޮޕްމަންޓް ކުންފުންޏަކީ ތައިލޭންޑްގައި އުމްރާނީ މަޝްރޫއުތައް ހިންގާ އެންމެ ބޮޑު އެއް ކުންފުންޏެވެ.