ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން މިއަދު ބ. ކިހާދު އަށް ފުރައިފި އެވެ.
މި ތަމްރީނުގައި 16-19 އަހަރާ ދެމެދުގެ އުމުރުފުރާއިން 50 ފިރިހެން ދަރިވަރުންނާއި 16 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 66 ދަރިވަރުން ބައިވެރިވެއެވެ.
ފަންނީ ތަމްރީނުގައި ބައިވެރިވުމަށް މިއަދު ފުރި މި ދަރިވަރުންނަކީ މިދިޔަ 28 ގައި ދަސްވެނިވި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ދަރިވަރުންނެވެ.
ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ދާނީ ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒުގަ އެވެ.
އެ މަރުކަޒަކީ، އެ ރަށުގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ގާއިމްކުރި "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަ" އެވެ. އެ ސެންޓަރު ސަރުކާރަށް ހަދިޔާކޮށްފައިވާތީ އެއީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވައިފަ އެވެ.
އެހެންވެ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ އެ މަރުކަޒުގަ އެވެ.