Last Updated: June 6, 13:14
Saturday, June 6, 2026
ޚަބަރު

ސިވިލް ކޯޓަށް އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް

ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުން ކުރަން ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ) ގެ ރައީސް ޙުސްނީ މުބާރިކެވެ.

އެ ރަސްމިއްޔާތުގައި ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ވިދާޅުވީ، ސިވިލް ކޯޓަކީ އެންމެ ގިނަ މައްސަލަ ބަލަމުން އަންނަ އެއް ކޯޓު ކަމަށާއި ޒަމާނީ ސިސްޓަމެއް ނެތުމުގެ ސަބަބުން އިދާރީ ގޮތުން ހުރި ހުރިހާ މައްސަލަތަކެއް މީގެ ކުރިން ބަލަހައްޓަމުން އައީ މެނުއަލްކޮށް ކަމަށެވެ. ނަމަވެސް މިއަދު ބޭނުން ކުރަން ފެށި ސިސްޓަމާ އެކު މަސައްކަތްތައް އަވަސް ކުރުމަށާއި ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

"އެއް ސިސްޓަމެއްގެ ތެރެއިން ކޯޓުގެ ހުރިހާ މައްސަލައެއްް ބަލަން ފެށުމުން މައްސަލަތަކުގެ ސްޕީޑު އަވަސްވެ، މެނުއަލްކޮށް ކުރާ ހުރިހާ މަސައްކަތްތައް އޮޓަމޭޓްކުރެވިގެން ދާނެ،" މަރިޔަމް ވިދާޅުވި އެވެ. "އަދި މައްސަލަތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ޑިޖިޓަލައިޒްކޮށް އެއްތަަނަކުން ލިބިގެން ދިއުމުގެ ސަބަބުން މައުލޫމާތު ހޯދުމަށް ވެސް ފަސޭހަވެ އިންސާފު ގާއިމްކުރުމަށް މަގުފަހިވެގެން ދާނެ."

ސިވިލް ކޯޓަކީ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުން ކުރަން ފެށި ދެވަނަ ކޯޓެެވެ. މި ސިސްޓަމް އެންމެ ފުރަތަމަ ބޭނުން ކުރަން ފެށީ ކްރިމިނަލް ކޯޓްގަ އެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ މިއަހަރުގެ ޖުލައި މަހުގެ ކުރިން ހުރިހާ ކޯޓެއްގައި އިންޓަގްރޭޓެޑް ކޭސް ސިސްޓަމްތައް ގާއިމްކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.

އޭނަ ވިދާޅުވީ، ޝަރުއީ ދާއިރާ އަށް މިފަދަ ޑިޖިޓަލް އިނޮވޭޝަނެއް އަންނަން ޖެހޭ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސްވެ، އެންމެ އެދެވޭ ގޮތެއްގައި ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.