މާލެއިން ފުރައިގެން 76 ފަތުރުވެރިންނާއެކު ކ. މާފުއްޓަށް ދަތުރުކުރި ފެރީއެއް ކ. އެނބޫދޫ ފަރަށް އަރައިފި އެވެ.
މެރިން ޕޮލިސް އިން ބުނީ އެ ފެރީ ފަރަށް އެރީ އިންޖީނު ހުއްޓިގެން ކަމަށާއި މިއަދު ހެނދުނު ހިނގި މި ހާދިސާގައި އުޅަނދުން ދަތުރުކުރި އެންމެން ރައްކާތެރިކަމާއެކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ފެރީ ފަރަށް އެރީ ދަތުރުމަތީގައި އިންޖީނު ހުއްޓުމުގެ ސަބަބުން އުޅަނދު ކޮންޓްރޯލުން ނެއްޓިގެންނެވެ.
މި ހާދިސާ ހިނގިއިރު އުޅަނދުގައި ޖުމްލަ 72 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 67 ފަތުރުވެރިންނާއި، 3 ދިވެހިންގެ އިތުރުން ބިދޭސީ 2 ފަޅުވެރިންނެވެ. ހާދިސާ ހިނގުމާއެކު މެރެއިން ޕޮލިސް އާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން، އުޅަނދުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މިހާރު ވަނީ ރައްކާތެރިކަމާއެކު އެހެން އުޅަނދަކަށް ބަދަލުކޮށްފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އުޅަނދުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.