އައްޑޫ ހިތަދޫގައި "ސްކޫޕް" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅަން ޕްރޮސިކިއަޓާ ޖެނެރަލް އޮފީހުން ހައިކޯޓަށް ހުށަހަޅައިފި އެވެ.
އެ އޮފީހުން ބުނީ ކޯޓަށް އެ މައްސަލަ ހުށަހެޅީ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ފުލުހުން އެދުމުން، އެ އޮފީހުން ބެލި ބެލުމުން އެ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާތީ ކަމަށެވެ. އަދި އެ" ގްރޫޕަށް ނިސްބަތްވާ ނުވަ މީހަކު ފާހަގަވެފައިވާތީ، އެ މީހުންނަކީ އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައެޅުމަށް ވެސް ކޯޓުގައި އެދިފައިވެ އެވެ.
"ސްކޫޕް" އަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށް ދިނުމަށާއި "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.
މިއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ހުށަހެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން ފުލުހުން ވަނީ މާލޭގައި ހަރަކާތްތެރިވާ ގްރޫޕެއް ވެސް ގޭންގެއް ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވެ އެވެ.
ނަމަވެސް ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގައި ގޭންގެއް ނެތް ކަމަށާއި ގޭންގްތަކުގައި އުޅުނު މީހުން އުޅެނީ ޒިންމާދާރު ވަޒީފާތަކުގައި ކަމަށެވެ.