Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

އިސްލާމިކް މައިކްރޯ ފައިނޭންސިން އަށް ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިން ތައާރަފްކޮށްފައިވާ "އިސްލާމިކް މައިކްރޯ ފައިނޭންސިން" އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ. މިފައިނެނޭންސިންގ އަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %2.5 ރޭޓުން ދޫކުރެވޭ ފައިނޭންސިންގއެކެވެ. ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ އެވެ. މި ފައިނޭންސިންގ އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.

އިސްލާމިކް މައިކްރޯ ފައިނޭންސިން އަކީ ބޭންކިން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިން އެކެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ މި ފައިނޭންސިން އަކީ، މީގެ ކުރިން އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން މާލީ އެހީތެރިކަން ލިބިފައި ނުވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާ ފުރުސަތެކެވެ. މި ފައިނޭންސިން ސަބަބުން އާންމު ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ބޭންކިން ނިޒާމުގެ ތެރެއިން މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އަމާޒަކީ އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ޒަރީއާއިން ބޭންކުތަކުން ފައިނޭންސިން ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ފުރުސަތުތައް ފަހިކޮށްދީ، ހުރިހާ އެންމެން ބައިވެރިވާ މާލީ ނިޒާމެއް ބައްޓަންކުރުން ކަމަށެވެ.

"މިފަދަ މަގުތައް ފަހިވުމުން އެ ފަރާތްތަކުގެ ގާބިލުކަން ދައްކުވައިދިނުމަށް ފުރުސަތު ލިބި، ކުރިމަގުގައި އެފަރާތްތަކުގެ ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭ. މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ، އަދި މިހާރުވެސް ގޭތެރޭގައާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ." އޭނާ ވިދާޅުވި އެވެ.

މި ފައިނޭންސިންގނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާފަ އެވެ.