ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޯޑާ 2" ގެ ޓްރެއިލާ މިއަދު އާންމުކޮށްފިި އެވެ.
މި ފިލްމަކީ ޑައިރެކްޓަރު ޖޭޕީ ދައްތާ 1997 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ބޯޑާ" އާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. މީގައި ދައްކުވައި ދޭނީ 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގައި ދިޔަ ހަނގުރާމަ އެވެ.
ކުރީގެ ފިލްމުން "ބޯޑާ 2" ގެ މައިގަނޑު ކާސްޓްގައި ހިމެނޭ ހަމައެކަނި ތަރި އަކީ ސަނީ ޑިއޯލް އެވެ.
ދެން ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ ވަރުން ދަވަނާއި ދިލްޖީތު ދޮސަންޖާއި ކުރީގެ ފިލްމުގައި މުހިއްމު ރޯލެއް ކުޅުނު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ އެވެ. "ބޯޑާ 2" ގެ ބަތަލާއިންނަކީ މޯނާ ސިންގް އާއި ސޯނަމް ބަޖްވާ އާއި އަންޔާ ސިންގް އަދި މޭދާ ރާނާ އެވެ.
މި މަހުގެ 23 ގައި ސިނަމާތަކަށް މި ފިލްމު ދޫކޮށްލާ އިރު، ފިލްމުގެ ބައެއް ލަވަތައް ވެސް އާންމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ފިލްމުގައި ހިމެނޭ ވަތަނީ ރޫހު ގެނެސްދިން ލަވަ "ސަދޭސޭ އާތޭ ހޭ" ގެ އާ ވާޝަނެއް "ގަރް ކަބް އާއޯގޭ" ނަމުގައި ހިމަނާފައިވެ އެވެ.
ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ "ބޯޑާ 2" ގެ ޑައިރެކްޓަރަކީ 2019 ގެ ހަނގުރާމަ ފިލްމު "ކޭސަރީ" ގެނެސްދިން އަނޫރާގް ސިންގް އެވެ.