ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނު ހެއްދެވީ ވެލީންނެވެ. ނުވަތަ މަށީންނެވެ. އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދެވީ އާދަމްގެފާނެވެ. ތަކެތީގެ ތެރެއިން އެންމެ ފުރަތަމަ ހެއްދެވީ ޤަލަމެވެ. މި ދުނިޔެ އުފެއްދެވުމަށް ފަހު މަލާއިކަތުންނާއި ޖިންނީން އެ އިލާހު ވަނީ އުފައްދަވާފަ އެވެ. އެއިލާހު މަލާއިކަތުން އުފައްދަވާފައި ވަނީ އެ އިލާހުގެ އަމުރުފުޅުތައް ތަންފީޛު ކުރުން މަތީ ދެމިތިބުމަށެވެ.
މަލާއިކަތްބޭކަލުން އުފައްދަވާފައި ވަނީ އެ އިލާހުގެ ނޫރުންނެވެ.
އިންސާނުން ބޭނުންވާފަދަ ހުރިހާ ޖިސްމާނީ އެދުންތަކާއި ޣަރީޒާތަކުން އެއިލާހު ވަނީ މަލާއިކަތުން ސަލާމަތް ކުރައްވާފަ އެވެ. އެބޭކަލުން ރެއާއި ދުވާލު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަސްބީޙަކިޔައި ތަޙްމީދުކޮށް ތިބެތެވެ. އަދި އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުރެއްވުމުގައި ކިޔަމަންތެރިކަމާއެކު ތިއްބަވައެވެ. މަލާއިކަތުންގެ ޢަދަދު ގަދަކީރިތިވަންތަ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވެ އެވެ.
ދެން ފަހެ މި ދުނިޔެ މަތީގައި އިންސާނުން ލެއްވުމަށް ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވި ހިނދު ދުނިޔޭގެ ބިމުން ވެލި ގެނައުމަށް އެއިލާހުގެ މަލާއިކަތުންނަށް އެންގެވި އެވެ. އެ ވެލީގެ ޒަރީއާ އިން އެއިލާހު އާދަމް ޢަލައިއްސަލާމް އުފެއްދެވިއެވެ. އަދި އޭގެފަހުގައި ފުރާނަ އެޅުއްވި އެވެ. އަހަރެމެން އިންސާނުންގެ ދެރަ ނިކަމެތިކަމާ އެވެ. ނެތުމުގެ ތެރެއިން ވެލީގެ ޛަރީއާއިން އަހަރެމެން އިންސާނުންގެ ހަށިގަނޑުގައި ލެ އާއި، މަހާއި ކައްޓާއި، ދަތާއި، ނިޔަފައްޗާއި އިސްތަށްޓާއި އަދިވެސް ތަފާތު މާއްދާތަކެއް ވާގޮތަށް ޚަލްޤުކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާ އެވެ.
އިންސާނުން އުފެދުނު ޙާދިޘާއިން ދަލީލު ލިބޭގޮތުގައި އިންސާނާގެ ހަށިގަނޑުގައިވަނީ ދެކަމެކެވެ. ނުވަތަ އެހެން ޢިބާރާތަކުން ބުނާނަމަ އިންސާނާ ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ އޭނާގެ ޖިސްމާނީ ހަށިގަނޑެވެ. އަނެއްބަޔަކީ އޭނާގެ ރޫޙެވެ. (ފުރާނައެވެ).
އިންސާނާގެ ހަށިގަނޑުގެ ހަމަޖެހުމަށް އަހަރެމެން ކިޔަނީ ރަނގަޅު ޞިއްޙަތެވެ. ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ހަށިގަނޑަށް ވަރަށް ގިނަ ކަންތައްތަކެއް ބޭނުންވެއެވެ. މިސާލަކަށް ކެޔުމާއި ބުއިމެވެ. ފެނެވެ. ސާފުތާހިރުކަމެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިފަދަ ކަންތައްތައް ނެތިއްޖެނަމަ، އިސާހިތަކު އެ ހަށިގަނޑު ނިކަމެތިވެ، ބަލިކަށިވެ، ބަލިވެދާނެއެވެ. އަހަރެމެންގެ ޖިސްމާނީ ހަށިގަނޑަށް ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކާނާ ބޭނުންވާފަދައިން ރޫޙާނީ ހަށިގަނޑަށްވެސް “ކާނާ” ބޭނުންވެއެވެ. އެކަމަކު އެއީ އަހަރެމެންނަށް ފެންނަ ކާނާއެއް ނޫނެވެ.
އިންސާނާގެ ރޫޙުގެ ނުވަތަ ފުރާނައިގެ ކާނާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ސަބަބުން ލިބޭ ދާއިމީ ހިތްހަމަޖެހުމެވެ. އަދި އެ ކާނާއަކީ އީމާންކަމުގެ ސަބަބުން އިޙްސާސްކުރެވޭ ފޮނިކަމެކެވެ. އެއީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރުމުން ލިބޭ ހިތްހަމަޖެހުމެކެވެ. އެހެން އެއްވެސް ކަމަކުން އިންސާނާގެ ރޫޙަށް ޙަޤީޤީ ކާނާއެއް ނުލިބޭނެ އެވެ. އިންސާނާ އަށް ޙަޤީޤީ ހިތްހަމަޖެހުމެއް ވެސް ނުލިބޭނެ އެވެ. ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ހަށިގަނޑުގެ ޖިސްމާނީ އެދުންތައް ކިތަންމެ ގިނައިން ފުއްދަމުންދިޔަ ކަމުގައިވިޔަސް، އީމާންކަމުގެ ނޫރުން ހިތް އަލިވެ، އީމާންކަމުގެ ފޮނިކަމާއި ލައްޛަތު އިޙްސާސްކުރެވިގެން ނޫނީ، ޙަޤީޤީ ހިތްހަމަ ޖެހުމާ ހަމައަށް ވާޞިލެއް ނުވެވޭނެއެވެ.
ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ ކާންޖެހޭގޮތަށް، އިންސާނާގެ ރޫޙާނީ ބާރު ގަދަކުރުމަށްޓަކައިވެސް “ކާނާ” ބޭނުންވެއެވެ. އެއީ އެންމެހާ ފާފަތަކުގެ ތޫނު ވަކިތަކުން ތިބާގެ ނަފްސު ސަލާމަތްކުރުމެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމެވެ. އެއިލާހަށް އުރެދުމަށްވާ އެއްވެސްކަމެއްގައި ބައިވެރިނުވުމެވެ. އެއިލާހު އެންގެވިގޮތަށް ތިބާގެ ބަސްތަކާއި ޢަމަލުތައް ބައްޓަންކުރުމެވެ. އެއިލާހު އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާއި ދުރުވުމަށް އަންގަވާފައިވާ ކަންތައްތަކުން ދުރުވުމެވެ. ﷲ ގެ މަގުގައި ޘާބިތުކަމާއެކު ފަސްނުޖެހި ކުރިއަށް ދިޔުމެވެ. ﷲ އާ ގުޅުން ބަދަހި ކުރުމެވެ. ނަމާދު ކުރުމާއި ތަޤުވާވެރިވުމެވެ.
ކޮންމެ ފުރާނައަކަށް ވެސް މި ދުނިޔެ މަތީގައި އެފުރާނަ އުފެއްދެވި ފަރާތުން ވަނީ އަޖަލެއް ކަނޑައަޅުއްވާފައެވެ. އަންނަން އޮތް ދުނިޔޭގައި ތިބާއަށް ހިތްހަމަޖެހުން ލިބޭނީ މިއަދު ތިބާގެ ފުރާނާއަށް “ކާނާ” ދީގެންނެވެ. ވެލިން އެއްވެސް ފާފައެއް ނެތި އުފެދިފައިވާ އަހަރެމެން އިންސާނުން ވެއްޔަށް އެނބުރިދަނީ ފާފަތަކައިގެންނެވެ. ތައުބާވެ ތިބާގެ ފުރާނައަށް އޭގެ ޙައްޤު ހޯދައިދޭށެވެ.
އެ ފުރާނަ ހެއްދެވި ފަރާތުން އެ ފުރާނައަށްޓަކައި އަދާކުރުމަށް އަންގަވާފައިވާ ޙައްޤު އަދާކުރާށެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.