Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ޕާޓީގެ ރައީސް ހޮވާނީ އީ-ވޯޓުން: އަދާލަތު

އަދާލަތު ޕާޓީ އަށް އާ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށް ގެންދާނީ އީ-ވޯޓިންއާ އެކު ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ބުނީ އެގޮތަށް އެކަން ކުރިއަށް ގެންދަން ޕާޓީގެ ދުސްތޫރު ވެސް ތަންދޭ ކަމަށެވެ.

ޕާޓީގެ ރައީސް ހޮވަން ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 31 ގަ އެވެ. އެ މަގާމަށް ވާދަކުރައްވަނީ މިހާރު ވެސް ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝައިހު މުހައްމަދު ޝިފާނާއި ޑރ. އިކްރާމް އަބްދުއްސައްތާރެވެ.

އިކްރާމް ވަނީ ޕާޓީގެ މިހާރުގެ ލީޑަޝިޕުން އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވާފާނެކަމުގެ ބިރު އޮތް ކަމަށް ބުނެ، އީ-ވޯޓިން ކުރިއަށް ގެންދިއުން ހުއްޓުވައި ދޭން އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ.

މިކަމާ ގުޅިގެން އަދާލަތުން ބުނީ އިންތިހާބު ބާއްވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން ހިދުމަތް ކަމަށްވާ "ފަހި ވޯޓު" މެދުވެރިކޮށް ކަމަށެވެ. ފަހި ވޯޓަކީ ރާއްޖޭގެ އެކި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އާއި ޕަބްލިކް ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ އަދި ރަސްމީކޮށް ބަލައިގަނެވޭ ޒަމާނީ ނިޒާމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އެ ޕާޓީން ބުނީ ފަހި ވޯޓަކީ މިނިވަން ތިންވަނަ ފަރާތެއްކަމުން، އެ ނިޒާމަށް ޕާޓީގެ ވަކި ގުނަވަނަކަށް ބާރު ފޯރުވޭނެ ކަމަށް ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދިއިންތިހާބާ ބެހޭގޮތުން، ދޮގު މައުލޫމާތު ނުފެތުރުމަށާއި ޕާޓީގެ އަގު ވެއްޓޭ ގޮތަށް އަދި އިންތިހާބާ މެދު ޝައްކު އުފެދޭ ގޮތަށް މަސައްކަތް ނުކުރަން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ ޝައިހް އިމްރާން އަބްދުﷲ އެވެ. މިއީ އެ މަގާމު އޭނަގެ މަގާމުގެ ދެވަނަ ދައުރެވެ.