ރާއްޖޭގެ އެގްރޯފޮރެސްޓްރީ ނުވަތަ ގަސްގަހާގެހި އާލާކޮށް ހެއްދުމާ ބެހޭ ސިޔާސަތެއް އެކުލަވާލައިފި އެވެ.
"ނެޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" އަކީ އެގްރިކަލްޗަ މިނިސްޓްރީން ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަނޭޝަނަލް ސެންޓަ ފޯ ފޮރެސްޓްރީ ރިސާޗު (ސީއައިއެފްއޯއާރް- އައިސީއާރުއޭއެފް) އާ ގުޅިގެން އެކުލަވާލި ސިޔާސަތެކެވެ.
މި ސިޔާސަތު މިނިސްޓްރީއާ ޙަވާލުކޮށް ދެއްވީވޯލްޑް އެގްރޯފޮރެސްޓްރީގެ ޑިރެކްޓަ ޖެނެރަލް/ސީއީއޯ ޑރ. އެލިއަން އުބަލިޖުރޯ އެވެ. އަދި އެ ސިޔާސަތާ މިނިސްޓްރީގެ ފަރާތުން ޙަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެެވެ.
މިނިސްޓްރީން ބުނީ މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިޤްތިޞާދީ އަދި ތިމާވެށީގެ ގޮތުން ފައިދާ ހުރި ނިޒާމެއް ޤާއިމު ކުރުން ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރު ކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާން ކުރުމަކީ ވެސް މި ސިޔާސަތުގެ ބޭނުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ. މި ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރާ ޖަމިއްޔާތައް ބާރުވެރި ކުރުވައި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ވެސް ތަޢާރަފު ކުރުން ހިމެނެއެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސް ކޮށްދިނުމަށް މަސައްކަތް ކުރެވޭނެ އެވެ.